ޚަބަރު
އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް ބިނާ ކުރެވޭނީ މި އަހަރު: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ، މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھاގެ ބިންގާ އަޅުއްވައިދެއްވުން، ފޮޓޯ: ރައީސްއޮފީސް
މި އަހަރާއި މި އަންނަ އަހަރު މުޅި ރާއްޖޭގައި ޖުމްލަ 2،130 މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާނެކަމަށާއި، މީގެ ތެރޭގައި އިސްލާމީ ދާއިރާތަކުން ގިނަ މަޝްރޫޢުތަކެއް ހިމެނޭއިރު، މި އަހަރަކީ އެއް އަހަރެއްގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ މިސްކިތް ބިނާ ކުރެވިގެންދާނެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ހާމަކުރެއްވި ތަފާސްހިސާބުތަކުން ހާމަވެފައިވާ ގޮތުގައި، މި އަހަރާއި މިއަންނަ އަހަރުގެ ތެރޭގައި 50 މިސްކިތެއްގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މީގެ ތެރެއިން 20 މިސްކިތެއްގެ މަސައްކަތް މި އަހަރު ކުރެވިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިސްކިތް އިމާރާތް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 21 މަޝްރޫއެއްގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި، އޭގެ އިތުރަށް ދާދި ފަހުން ސޮއިކުރި 17 މަޝްރޫޢެއްގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް މަޝްރޫޢުތައް މި އަހަރު ނިމި، ބާކީ މަޝްރޫޢުތައް މި އަންނަ އަހަރު ނިމިގެންދާނެކަމަށް ވިދާޅުވިއެވެ.
މި އަހަރާއި މި އަންނަ އަހަރު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ އިސްލާމީ ކަންކަމާ ގުޅޭ އެހެން ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ޙިއްސާ ކުރެއްވެވިއެވެ. އަދި، ވަޤުފް އިންވެސްޓްމެންޓުތަކަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ މަސައްކަތްތަކެއް ކަމަށް ހާމަކުރައްވައި، މި މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ.
އެގޮތުން ހުޅުމާލެ ފޭސް-1ގައި ބިނާކުރާ "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" މިހާރު އޮތީ ޕްރީޓެންޑަރިން މަރުހަލާގައިކަމަށް ފާހަގަކުރެއްވެވިއެވެ. އަދި "ދާރުލްއަރްޤަމް" ނަމުގައި މާލޭގައި ބިނާކުރުމަށް ނިންމާފައިވާ އިމާރާތް ވެސް އޮތީ ޕްރީޓެންޑަރިން މަރުހަލާގައިކަން ފާހަގަ ކުރެއްވެވިއެވެ. މީގެ އިތުރުން، ކީރިތި ޤުރުއާންއާ ބެހޭ ޙާއްސާ ވަޤުފް އިމާރާތް އެޅުމަށް، ރަސްފަންނު ކައިރީގައި، ކުރިން "ކޮރަލް ބުލެވާޑް" މަޝްރޫޢަށް ހަމަޖައްސާފައި އޮތް ބިން ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އިމާރާތަށް 10،000 އަކަފޫޓުގެ ބިމެއް ވަނީ އެ ސަރަޙައްދުން ކަނޑައަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ތަންތަން އިމާރާތް ކުރެވުމުން އެ ތަންތަނުގެ ލިބޭ އާމްދަނީ ބޭނުންކޮށްގެން ދީނީ އެކިކަންކަމަށް ޙަރަދުކުރެވިގެންދާނެކަމަށެވެ.
މި ތިން ވަޤުފު އިމާރާތް އެޅުނީމާ އެ ލިބޭ އާމްދަނީގެ ތެރެއިން އިސްލާމީ އެކިއެކި ކަންކަމަށް ޚަރަދުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓު ތެރެއިން ނުނަގާ ވަރަށް ގިނަ ކަންކަން ކުރެވިގެންދާނެ. އޭގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އެކިކަހަލަ ޕްރޮގްރާމްތައް ހިންގުން ހިމެނޭ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ ހުރިހާ މަސައްކަތެއް ވެސް ބިނާވެފައި ވަނީ ވަޢުދުތައް ފުއްދާ ނަތީޖާ ނެރުމަށްކަމަށެވެ. އަދި އެ މަނިކުފާނުވެވަޑައިގެންފައިވާ 2129 ވަޢުދު ފުއްދުމަށް މުޅި ސަރުކާރުއެކީ މަސައްކަތް ކުރަމުންދާކަމަށާއި، އެ މަނިކުފާނު ސަރުކާރަށް އައްޔަނުކުރެއްވި ކޮންމެ މީހެއްގެ ޒިންމާއަކީ ވެސް އެއީ ކަމުގައި ވިދާޅުވިއެވެ.