Ads by Aqeeqa Maldives

ޚަބަރު

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް: ރައީސް

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް: ރައީސް

ރައީސުލްޖުމްހުރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން ---

03 މޭ 2025، 11:35

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދާ ބައްދަލުކުރެއްވުމުގައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީނު ހިމާޔަތްކުރުމަށްފަހު ދެން އެންމެ ބޮޑު އެއް އިސްކަމެއް ދެއްވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ހުރިހާ ޙާލަތެއްގައި ވެސް ދިވެހިންގެ މަސްލަޙަތު ހިމާޔަތްކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިކަމުގެ ދަށުން ދިވެހިންނާއި ރާއްޖެއަށް ފައިދާވާނެ އެކި ކަންކަމުގައި ބޭރު ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް މި ސަރުކާރުން ނިންމި ނިންމެވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއްކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ދިވެހިންނާއި، މުޅި ރާއްޖޭގެ ވެސް ވިސްނުން ހުރި ގޮތް މުޅި ދުނިޔެއަށް މިހާރު އެނގިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަނުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަޤުތުން ތަސްދީޤުކުރެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS