ދީން
އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ: ހުކުރު ޚުޠުބާ

އިސްލާމީ މަރުކަޒުގައި ޚުޠުބާ އިއްވަނީ. ފޮޓޯ: އިސްލާމީ ވުޒާރާ
އެންމެ ނުބައި މީހަކީ، އެމީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ހުކުރު ޚުޠުބާގައި ބުނެފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ކަލާމްފުޅުގައި، އަޅުތަކުންނަށް އަމުރުކުރައްވައިފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށާއި، އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ. އަދި ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވައިފައި ކަަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މާތް ﷲގެ މަތިވެރިކަމަށާއި އެކަލާނގެ ޛާތުފުޅަށް ޓަކައި އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި، ހެޔޮ ކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށްވެސް އަންގަވާފައިވާ ކަމަށް ޚުތުބާގައި ބުނެއެވެ.
“އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ، ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ، އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެ” ހުކުުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ބިރުވެތިވުމަށާއި ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހެއްޓުމަށެވެ.
އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަޞިއްޔަތްކުރުމަކީ، މާތް ﷲއާ ކުއްތަންކޮށްދޭ މަތިވެރި ޢަމަލެއް ކަމަށާއި، އެހެންވީމާ ތިމާއީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވުމަށް ޙުޠުބާގައި ބުނެފައިވެއެވެ.
އަދި ތިމާއަށް ލިބިގެންވާ ހެޔޮ ކަން ހަމައެކަނި ތިމާއަށް ލިބިގެންވާ އެއްޗެއް ކަމުގައި ނުހަދުމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެކަންވާހުށީ މީސްތަކުންނަށް ރަޙުމުކޮށްގެން ކަަމަށާއި ނުދަންނަ މީހުންނަށް އުނގަންނައިދީގެން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން މިކަން ވާނީ ހާޖަތްތެރީންނާއި ފަޤީރުންނަށް ތިމާގެ ޖާހާއި މާލުން އެހީތެރިވެގެންބޮޑެތި މީހުންނަށް އިޙްތިރާމުކޮށްގެނާއި، ކުޑަކުދީންނަށް އޯގާތެރިވެގެންް ކަމަށާއި، ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީގެން ކަމަށާއި ޖަނަވާރުންނަށް އޯގާތެރިވެގެން ކަމަށްވެސް ބުނެފައިވެއެވެ.
“ފަހެ ﷲގެ ރަޙްމަތާ އެންމެ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުންގެ މައްޗަށް އެންމެ އޯގާވެރިވާ މީހުން، އެފަދަ މީހުންނަށް މާތް ﷲ ރަޙުމަތްލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ،. ކަށްވަޅުގެ ޢަޛާބުންނާއި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެ” ޚުޠުބާގައި ބުނެފައިވެއެވެ.