ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ކެނެޑާގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ކެނެޑާގެ ބޮޑުވަޒީރު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެނެޑާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ކެނެޑާގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވަނީ، އެޤައުމުގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ހޯއްދެވި ކާމިޔާބީ އާއި ގުޅިގެންނެވެ.
ރައީސް ވަނީ، މި އިންތިޚާބުގައި ބޮޑު ވަޒީރު ހޯއްދެވި ކާމިޔާބީއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވަނީ، ބޮޑުވަޒީރު ކަރނީ އާއި އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ކެނެޑާ ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތަށް ކުރައްވާ އިތުބާރުގެ ހެއްކެއް ކަމުގައި ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރުގެ ޒަޢާމަތުގައި ކެނެޑާގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީގެ ޒަޢާމަތުގައި މިނިވަންކަމާއި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައިވަނީ، ކެނެޑާގެ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންނަމުންނެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.