ޚަބަރު
ހދ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު، މޫސުމަށް ސަމާލުވޭ!

ވިއްސާރަ ދުވަހަކު މާލޭގެ ތެރެއިން/ފޮޓޯ: ސަން އޮންލައިން
ހދ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ، މިއަދު މެންދުރު ފަހު 14:30 އިން ފެށިގެން ރޭގަނޑު 19:30 އަށް މި އަތޮޅުތަކަށް ހުދު ސަމާލު ނެރިފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ސަރަޙައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މެޓް އޮފީހުން ވަނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައިި އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައް ޢާންމުކޮށްފައެވެ. އެގޮތުން، އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ، ލ. ކައްދޫއަށެވެ. އެރަށަށް ވަނީ 14.3 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެރަށަށް ވަނީ 12.5 މިލިލީޓަރުގެ ވާރޭ ވެހިފައެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އދ. މަހިބަދޫއަށެވެ. އެރަށަށް 6.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ހަތަރު ވަނައަށް އެންމެ ގިނައިން ތޮއްޑޫ އަށް ވާރޭ ވެހިފައިވާއިރު، އެރަށަށް ވަނީ 5.8 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.