ދުނިޔެ
އަލިފާނަށް ބިރުން ޔަހޫދީން ގެދޮރުދޫކޮށް ދަނީ

އަލިފާން ގަނޑު ފެތުރެމުންދާ ސަރަހައްދުން މީހުން ނެރުމުގެ މަސައްކަތް ކުރިއަށްދަނީ
ތެލްއަބީބް އާއި ޤުދުސް އާއި ދެމެދު އޮންނަ ޖަންގަލި ސަރަހައްދުގައި އަލިފާން ރޯވެ އަލިފާން ގަނޑު މީހުން އުޅޭ ސަރަހައްދަށް ފެތުރެމުންދާތީ އަލިފާނަށް ބިރުން ޔަހޫދީން ގެދޮރުދޫކޮށް ދާންފަށައިފިއެވެ.
އިޒްރާއިލްގެ ކަމާބެހޭ ފަރާތްތަކުން މިއަދު އިއުލާން ކޮށްފައިވާ ގޮތުގައި ރޯވެފައިވާ އަލިފާންގަނޑު 6،000 އަކަމީޓަރަށް ވުރެ ބޮޑަށް ވަނީ މިހާރު ފެތުރިފައެވެ. އަދި އަލިފާންގަނޑުގެ ނުރައްކާ އޮތް ރަށްތަކުން ރައްޔިތުން ނެރެމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޖަންގަލީގެ ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަނދަމުންގޮސް މީހުން އުޅޭ ސަރަހައްދަށް ފެތުރެމުންދާތީ އިޒްރާއިލްގައި ކުއްލި ނުރައްކަލުގެ ޙާލަތުވަނީ އިޢުލާނުކޮށްފައެވެ. އަދި ޔޫރަޕްގެ ޤައުމުތަކުގެ އެހީތެރިކަމަށްވެސް އިޒްރާއިލުން ވަނީ އެދިފައެވެ.
އިޒްރާއީލުގެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ އިޒްރާއީލުގެ ނޫހެއްކަމަށްވާ އިޒްރާއީލް ހަޔޮމް އިން ބުނީ އަލިފާނުގެ ނުރައްކާ އޮތް ރަށްރަށުން ރައްޔިތުން ނެރުމުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ޓީމެއް މިހާރު އެކުލަވައިލައިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާތަކަށް ފަހު އިމާރާތްތަައް އަލުން އިމާރާތް ކުރުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަނީ ބުނެެފައެވެ.
އިއްޔެ ހެނދުނު ތެލްއަބީބް އާއި ގުދުސްއާ ދެމެދުގެ ޖަންގަލި ތަކުގައި އަލިފާން ރޯވިއިރު ފާހަގަކުރެވޭ ނުވަ ސަރަހައްދަކަށް ވަނީ އެއަލިފާން ގަނޑު ފެތުރިގެން ގޮސްފައެވެ.
ޖަންގަލީގެ ސަރަހައްދުގައި ހިފި މިއަލިފާންގަނޑު ބޮޑަށް ފެތުރެން މެދުވެރިވެފައިމިވަނީ އެސަރަހައްދުގެ ހޫނުމިން މަތިވުމާއި ވައިގަދަވުމުގެ ސަބަބުންނެވެ. އިޒްރޭލުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގައި ވެސް ވައިގަދަވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރިގެންދާނެއެވެ.
އަލިފާންގަނޑުގެ ސަބަބުން އިޒްރާއިލުގެ މުހިންމު ގިނަ ތަންތަން އަނދާ ހުލިވަމުންދާކަމަށް ބައެއް ރިޕޯތުތައް ދަނި ބުނަމުންނެވެ. އަލިފާނުގެ ސަބަބަުން އިޒްރާއިލްގެ ބައެއް މީހުންނަށް އަނިޔާވެ ފަރުވާދެމުންދާއިރު އޭގެ ތެރޭގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.
އިޒްރާއިލްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު ޝްމުއެލް ފްރީޑްމަން ބުނެފައިވަނީ މިހާރު ރޯވެއަނދަމުންދާ އަލިފާންގަނޑުތަކަކީ އިޒްރާއީލުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށެވެ.
އަލިފާން ރޯވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ ކަމަށާއި ރޯވެފައިވާ އަލިފާންގަނޑާއި އެކު އެހެން ސަރަހައްދުތަކުގައިވެސް ވާނުވާނޭނގި އަލިފާންރޯވަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.