ޚަބަރު
ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ: ރައީސް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހަކީ ސަރުކާރުގެ ކާމިޔާބީއަށް އައު ބޮޅެއް އިތުރުވި ދުވަހެއް ކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިިގެން މެއި 2 ވަނަ ދުވަހު ފެށި "އޮޕަރޭޝަން ކުރަނގި" ގެ މަސައްކަތްތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، މިއަދާ ހަމަޔަށް އައި އިރު ޖުމްލަ 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގުމަށްފަހު ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ޞައްޙަ ވިސާއެއް ނެތި މަސައްކަތް ކުރުމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރީންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަނެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރީންގެ މައްސަލައަށް ދާޢިމީ ޙައްލެއް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.