ޚަބަރު
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާ، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ދިފާއީ ވުޒާރާއިން ރޭ ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފައްޓަވާނެކަން އެ މަނިކުފާނު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަދި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް އެޕްރީލް މަހު މި ޕްރޮގްރާމް އިފްތިތާޙު ކުރައްވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހާރި 28 އަހަރާ ދެމެދު ޒުވާނުންނަށެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ޚިދުމަތްކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުމަކީ މި ޕްރޮގްރާމުގެ ޝަރުތެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިން މި ޚިދުމަތުގައި ބައިވެރިވާން އެދޭނަމަ، އެ ކުއްޖަކު މި ޚިދުމަތުގައި ބައިވެރިވުމާމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމަކީ ވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދޭނެކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަކީވެސް މިޕްރޮގްރާމުގެ ބޭނުމެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދެއްވާނެކަމަށް ދިފާއީ ވުޒާރާއިން ކުރި އިޢުލާނުގައި ވެއެވެ. އަދި ޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުޞަތު ދެވޭނެކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ޒުވާނުން މި ކަމަށް ޙާއްސަ ކުރެވިފައިވާ ފޯމު އެ ވުޒާރާގެ ރިސެޕްޝަނަށާއި އަދި އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ވެސް ދިފާޒީ ވުޒާރާއިން ހާމަކުރައްވައެވެ. އީމެއިލު މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅަން ޖެހެނީ [email protected] އަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.