Ads by Aqeeqa Maldives

ޚަބަރު

މޯލްޑިވްސް ނޭޝަނަލް ސަރވިސްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުމަށް ސަރުކާރުން ނިންމަވައިފި

މޯލްޑިވްސް ނޭޝަނަލް ސަރވިސްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުމަށް ސަރުކާރުން ނިންމަވައިފި

އެމްއެންޑީއެފް/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 11:04

30 އޭޕްރީލު 2025، 11:04

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ސަރވިސް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން މިރޭ ހުޅުވައިލައްވާނެ ކަމަށެވެ.

ރައިސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، މި ޚިދުމަތުގައި ބައިވެރިވުމަށް އެދި ހުށައެޅޭނީ ޢުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. އަދި ޢުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ޒުވާނުން ޤައުމީ ޚިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ޤައުމުގައި ބިނާކުރުންކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން މި ޕްރޮގްރާމުގެ ދަށުން ތައްޔާރުކުރެވިގެން ދާނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް އެހީތެރިވެގެންދާނެ އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، މި ޚިދުމަތާއި ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާގޮތަށް ސަރުކާރުން ހަމަޖައްސަވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށްޓެވުުމުގެ ވިސްނުންފުޅު ހުރިކަން ރައީސް ހިއްސާކުރައްވާފައިވަނީ، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގެ ޔަޤީންކަން އޮންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާކަމަށާއި، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕްރޮގްރާމް ފަށްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސް ގެ ޕުރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ދިފާޢީ ވުޒާރާގެ ވެބްސައިޓުން މިރެއިން ފެށިގެން ޑައުންލޯޑް ކުރެވޭނެކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS