ޚަބަރު
ފަލަސްޠީނު މައްސަލައިގައި ބަންޑާރަ ނައިބު އުޝާމް މާދަމާ އައިސީޖޭގައި ބަޔާނެއް ދެއްވަނީ

ބަންޑާރަ ނައިބު/ފޮޓޯ: ސަން އެމްވީ
އިސްރާއިލުން ފަލަސްޠީނަށް ދެމުންގެންދާ ނިރުބަވެރި ޙަމަލާތަކުގެ މައްސަލައިގައި އައިސީޖޭގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މާދަމާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މި މައްސަލައަކީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ބަންޑާރަ ނައިބު ދިނުމަށް ހަމަޖެހިފައިވާ ބަޔާނެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަޔާން ދެއްވާނީ މި މައްސަލައާއި ގުޅިގެން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާތީ، މިކަމާއި ގުޅިގެން މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މައިގަނޑު ގޮތެއްގައި ބަޔާން ދެއްވާނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީނުގެ ބިންތަކުގައ،ި އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި އެބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުންނެވެ.
މިމައްސަލައަކ،ީ އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއ،ި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައ،ި ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް، (ޔޫއެންއާރުޑަބްލިއުއޭ) ގެ މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތ،ީ އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ޤަރާރަކުން މިދިޔަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ބަޔާނެއް ދެއްވުމަށް ނިންމަވާފައިވާއިރު، މިކަމުގައި ރާއްޖެއިން ބައިވެރިވެ ލިޔުމުން ބަޔާން ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖެއިން ފަލަސްޠީނުގެ ދިފާޢުގައި ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ޔަހޫދީ އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހު ތަސްދީޤު ކުރައްވާފައެވެ.