ކޮލަމް / ދުނިޔެ
ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން ތުރުކީ މީހަކު ކުއްލިއަކަށް ޑެނިޝް ބަހުން ވާހަކަދައްކަން ފަށައިފި

ރަހްމީ ކަރަދެމިރް ފޮޓޯ:އިންޓަނެޓް
ތުރުކީވިލާތުގެ މެދުތެރޭގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދިޔަ 67 އަހަރުގެ ތުރުކީ މީހަކު ކުއްލިއަކަށް ޑެނިޝް ބަހުން ވާހަކަދައްކަން ފަށައިފިކަމަށް ޑޮކްޓަރުންނާއި އޭނާގެ އާއިލާއިން ބުނެފިއެވެ.
ރަހްމީ ކަރަދެމިރް އަކީ 20 އަހަރު ވަންދެން ޑެންމާކުގައި ދިރިއުޅެފައިވާ މީހެކެވެ. އޭނާ ވަނީ 10 އަހަރު ކުރިން ތުރުކީވިލާތުގެ ކޮންޔާ ޕްރޮވިންސްއަށް އަނބުރާ ގޮސް އެތާާ ދިރިއުޅެން ފަށާފައެވެ. ފާއިތުވި ހަފްތާގައި ސެލްޗުކް ޔުނިވަރސިޓީ ފެކަލްޓީ އޮފް މެޑިސިން ހޮސްޕިޓަލުގައި އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރިއެވެ.
އޮޕަރޭޝަނަށްފަހު ދެ ދުވަސް ފަހުން، ކުއްލިއަކަށް ކަރަދެމިރްގެ ކަނާތާއި ފައިގެ ބާރު ދަށްވެ، ވާހަކަދެއްކުމަށް ދަތިވާން ފެށިއެވެ. އޭނާ ވަގުތުން ޗެކްކުރުމަށް ގެންދިޔުމުން، ޑޮކްޓަރުންނަށް ފާހަގަކުރެވުނީ އޭނާގެ ސިކުނޑީގެ ވާތްފަރާތުގައި ހުރި މައި ލޭހޮޅިއެއް ބަންދުވެފައިވާކަމެވެ.
ނިއުރޮލޮޖިސްޓުން ވަގުތުން އެންޖިއޯގްރަފީއެއް ހަދައި، ގަނޑުލޭކޮޅު ނަގައިފިއެވެ. މި ކާމިޔާބު ފަރުވާއަށްފަހު، ކަރަދެމިރްގެ ޙާލަތު ރަނގަޅުވިއެވެ. ނަމަވެސް، އޭނާއަށް ތުރުކީ ބަހުން ވާހަކަދެއްކުމަށް ނުކުޅެދުނެވެ.
އޭގެ ބަދަލުގައި، އޭނާ ވާހަކަދައްކަން ފެށީ އަހަރުތަކަކަށްފަހު ޑެނިޝް ބަހުންނެވެ. މި ކުއްލި ބަދަލުން އޭނާގެ އަނބިމީހާއާއި ދަރިން ހައިރާންވިއެވެ. އޭނާގެ ބައެއް ދަރިންނަށް ޑެނިޝް ބަސް އެނގޭތީ، އެ ދަރިންނަށް އޭނާއާ ފަސޭހައިން މުޢާމަލާތް ކުރެވުނެވެ.
ކަރަދެމިރް ބުނީ އޭނާއަށް ތުރުކީ ބަސް ވިސްނޭ ނަމަވެސް، އެ ބަހުން ވާހަކަދެއްކުމަށް ނުކުޅެދޭ ކަމަށެވެ. މިކަމުން އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަމަށް ބުނެފައިވެއެވެ.
ޑޮކްޓަރ ގޯކަން އޮޒްދެމިރް ވިދާޅުވީ މިއީ މަދުން ދިމާވާ ކަމެއް ނަމަވެސް، ސައިންޓިފިކް ގޮތުން ވިސްނައިގަނެވޭ ކަމެއް ކަމަށެވެ. މި ޙާލަތަށް ކިޔަނީ "ފޮރިން ލޭންގުއޭޖް ސިންޑްރޯމް" ނުވަތަ "ސެލެކްޓިވް ލޭންގުއޭޖް ރިކަވަރީ" އެވެ. މިއީ ސިކުނޑިއަށް ގެއްލުން ލިބުމުން ބަހުގެ ކޮންޓްރޯލް ހުންނަ ހިސާބުތަކަށް ތަފާތު ގޮތްގޮތަށް އަސަރުކުރުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
ޑޮކްޓަރުން އުންމީދުކުރަނީ ކަރަދެމިރްއަށް މާ ގިނަ ދުވަސްތަކެއް ނުވެ ރަނގަޅުވެދާނެ ކަމަށެވެ.