ޚަބަރު
ދުންފަތް މަނާކުރުމުގެ ބިލް މަޖިލީހަށް ހުށަހެޅި އަޝްރަގުއަށް މަރުގެ އިންޒާރުދީފި

ސަރުކާރުގެ ފަރާތުން ހުށަހެޅި ދުންފަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް -- ފޮޓޯ: މަޖިލިސް
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަގަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދީފިއެވެ.
މެންބަރު އަޝްރަގަށް މި އިންޒާރު ދިނުމާ ގުޅިގެން، އެ މައްްސަލަ ބެލުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާގައި ގޮވާލާފައިވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ބަހުސްގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، މި ބިލު ހުށަހެޅުމާ ގުޅިގެން ހުށަހެޅި މެންބަރުގެ ފުރާނައަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހުސްނީ މުބާރަކުގެ މި ވާހަކައަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވެސް ވަނީ ތާއީދުކުރައްވާފައެވެ. މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިފަދަ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ ޒިންމާ، ހުށަހަޅާ މެންބަރު ސަތޭކަ ޕަސެންޓަށް ނަގަން ޖެހޭ ނެގުމަކީ ދުވަހަކު ވެސް މަޖިލީހުގައި ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށް ނާޒިލް ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫން ކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.