ޚަބަރު
ރާއްޖެއާއި މެލޭޝިއާގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުން ހިއްސާކުރާ އިޙުތިރާމާއި އިޙްސާންތެރިކަމުގެ ތަރަހައިގެ މައްޗަށް: ރައީސް

ދެ ޤައުމުން ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުން/ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި މެލޭޝިއާގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުން ހިއްސާކުރާ އިޙުތިރާމާއި އިޙްސާންތެރިކަމުގެ ތަރަހައިގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު، ދެ ޤައުމުން ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާފައިވާކަމަށް ދެ ޤައުމުން ވަނީ ހާމަކުރައްވާފައެވެ. އަދި ދެ ޤައުމުނ ހިއްސާކުރާ އުޞޫލުތަކާއި، އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާ އާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިޙްސާންތެރިކަމުގެ ތަރަހައިގެ މައްޗަށްކަމަށެވެ. އަދި ރައީސް ވަނީ އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރުމަށް ކުރެވިދާނޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުޞަތުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުގައްޔާއި ވިޔަފާރީގެ ދާއިރާގައްޔާއި މާލީ ދާއިރާގައްޔާއި ކަނޑުތަކުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ ބޭނުންހިފުމަށް މެލޭޝިޔާގެ ވުނޭރުންނަށް ދަޢުވަތު ދެއްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ފަލަސްޠީނުގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތަޢުރީފުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް އެ ޤައުމުގެ ރައްޔިތުން ކުރަމުން ގެންދާ ޙައްޤު ދައުވާއަށް ތާއިދުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވެސް ސާބިތުވެ ތިއްބެވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޢަދުލުވެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމަކީ ދެ ޤައުމުންވެސް ހިއްސާކުރާ ޢަޒުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ ދެމި އޮންނާނީ ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ތަރައްޤީ އާއި، އަމަން އަމާންކަމާއި، ހަމަޖެހުން ޤާއިމުކުރުމަށް، މެލޭޝިއާއިން ގެންގުޅޭ ތަސައްވުރު ހިއްސާކުރާ، މެލޭޝިއާގެ ޙަޤީޤީ ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.