ދުނިޔެ
އެމެރިކާއިން ޔަމަނުގެ ހިޖުރަކުރާ މީހުން ބައިތިއްބާ ސެންޓަރަކަށް ހަމަލާދީފި

އެމެރިކާއިން ދިން ހަމަލާގައި އަނިޔާވިމީހެއް ފަރުވާއަށް ގެންދަނި
އެމެރިކާއިން ޔަމަނުގެ ހިޖުރަކުރާ މީހުން ބައިތިއްބާ ސެންޓަރަކަށް ހަމަލާދީފިއެވެ.
އެމެރިކާއިން އިން ދިން މިހަމަލާއަކީ އެފްރިކާގެ ބަޔަކު ބަންދުކޮށްފައި ތިބި މަރުކަޒެކެވެ. ހަމަލާގެ ސަބަބުން 68 މީހުން މަރުވެ، 47 މީހުންނަށް އަނިޔާވެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ޙޫތީންގެ ބާރު އޮންނަ ސަޢާދާ ގަވަރނޯރޭޓްގައި ހުރި މަރުކަޒަކަށެވެ.
ޙޫތީންގެ އިންޓީރިއަރ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން އެ މަރުކަޒުގައި 115 މީހުން ބަންދުކޮށްފައި ތިއްބެވެ. ޙޫތީންގެ އަލް މަސީރާ ޓީވީ ނިއުސް ޗެނަލުން ދައްކާފައިވާ މަންޒަރުތަކުގައި ހަމަލާ ދިން ސަރަޙައްދުގައި އިންސާނުންގެ ހަށިގަނޑުތަކާއި އަނިޔާވެފައިވާ މީހުން ތިބިކަން ފެނެއެވެ.
މެދު އިރުމަތީގައި އަސްކަރީ އޮޕަރޭޝަންތަކަށް ޒިންމާވާ ޔޫއެސް މިލިޓަރީގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މި އެންމެ ފަހުގެ ހަމަލާގެ ތަފްސީލު ހާމަކުރަން އިންކާރުކޮށްފައިވެއެވެ. ނަމަވެސް މާރިޗު މަހުގެ މެދުން ފެށިގެން ޔަމަނުގައި 800 އަށްވުރެ ގިނަ ހަމަލާ ދީފައިވާކަމަށާއި، މި ކެމްޕޭނުގައި މިހާތަނަށް 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ހޯން އޮފް އެފްރިކާއިން އީސްޓަން ރޫޓް އަށް ހަނގުރާމައާއި، ގުދުރަތީ ކާރިސާތަކާއި، ނިކަމެތި އިޤްތިޞާދީ ހާލަތުން ސަލާމަތްވުމަށް ރަތް ކަނޑު ހުރަސްކޮށް ގަލްފް ސަރަޙައްދަށް ދަތުރުކުރެއެވެ. މީގެ ގިނަ މީހުންގެ އުންމީދަކަށް ވެފައިއޮންނަނީ ސަޢޫދީ އަރަބިއްޔާ އަދި އެހެނިހެން ގަލްފް އަރަބި ޤައުމުތަކުގައި ވަޒީފާ ހޯދުމެވެ.