ސައިންސް / ދުނިޔެ
ޗައިނާއިން ދުނިޔޭގެ ފުރަތަމަ 10ޖީ އިންޓަނެޓް ޚިދުމަތް ތަޢާރަފްކޮށްފި

ޗައިނާއިން ދުނިޔޭގެ ފުރަތަމަ 10ޖީ އިންޓަނެޓް ޚިދުމަތް ތަޢާރަފްކުރުން
ޗައިނާއިން 10ޖީ ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މި އައު ޓެކްނޮލޮޖީގެ ޑައުންލޯޑް ސްޕީޑަކީ ސެކަންޑަކަށް 9,934 މެގަބިޓްސް އެވެ. އަޕްލޯޑް ސްޕީޑަކީ ސެކަންޑަކަށް 1,008 މެގަބިޓްސް އެވެ. މި ސްޕީޑުގައި 20 ގިގަބައިޓްގެ 4ކޭ ފިލްމެއް ޑައުންލޯޑް ކުރެވޭނީ އެންމެ 20 ސެކަންޑުގެ ތެރޭގައެވެ.
މާހިރުން ބުނާ ގޮތުގައި ޗައިނާއިން 10ޖީ އިންޓަނެޓް ޚިދުމަތް ތަޢާރަފުކުރުމަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ޞިއްޙީ، ތަޢުލީމީ އަދި ދަނޑުވެރިކަމުގެ ދާއިރާތަކަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި ޚިދުމަތް ތަޢާރަފުކުރުމާއެކު، ވިޔަފާރީގެ ފެންވަރުގައި 10ޖީ ނެޓްވޯކް ތަޢާރަފުކުރުމުގައި ޗައިނާ ވަނީ އެހެން ޤައުމުތަކަށްވުރެ ކުރިއަށް ގޮސްފައެވެ. އާންމު ބޭނުންތަކުގެ އިތުރުން، މި ނެޓްވޯކުން ޓެލެމެޑިސިން، ދުރުން ކިޔަވައިދިނުން، ސްމާޓް ދަނޑުވެރިކަން އަދި ޞިނާޢީ އޮޓޮމޭޝަން ފަދަ ދާއިރާތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
އޮފިޝަލުން އިތުރަށް ބުނާ ގޮތުގައި މި ތަރައްޤީއަކީ ޗައިނާގެ ފުޅާ ޑިޖިޓަލް ސްޓްރެޓެޖީގެ ބައެކެވެ. މީގެ ތެރޭގައި ބްރޯޑްބޭންޑް ޚިދުމަތް ފުޅާކުރުމާއި، ކްލައުޑް އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމާއި، ސްމާޓް ޑިވައިސްތަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމަށް ނެޓްވޯކްތައް ތައްޔާރުކުރުން ހިމެނެއެވެ. ނަމަވެސް މި އިޢުލާނުގައި މި އައު ޚިދުމަތުގެ އަގާއި ސަބްސްކްރިޕްޝަން މޮޑެލްގެ ތަފްޞީލުތަކެއް ހިމަނާފައެއް ނުވެއެވެ.