Ads by Aqeeqa Maldives

ޚަބަރު

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ ގިނަ ކަންތައްތަކެއްގެ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ ގިނަ ކަންތައްތަކެއްގެ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ ގިނަ ކަންތައްތަކެއްގެ މަޝްވަރާތައް ކުރިއަށްގެންދިޔުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2025، 03:36

28 އޭޕްރީލު 2025، 03:36

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، މެލޭޝިއާގެ ބޮޑުވަޒީރު، ހިޒް އެކަސަލަންސީ އަންވަރު އިބްރާހީމާއި ދެމެދު ރަސްމީ ގިނަ ކަންތައްތަކެއްގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދެ ޤައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށް ތިއްބަވައިގެން ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ، މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި އެ ޤައުމަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، ދެޤައުމުގެ ދޭދޭ ގުޅުންތައް ދިގު މުއްދަތަކަށް ބަދަހިކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި، ދެ ޤައުމުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގެ ބޮޑުވަޒީރު ހިޒް އެކަސަލަންސީ އަންވަރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މައިގަނޑު ދާއިރާތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، އެ ދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ދެއްވާފައެވެ. މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެވިގެންދާ މުހިންމު ފަހުމުނާމާތަކަކީ، ދޭދޭ ގުޅުމަށް ފައިދާކުރަނިވި ފަހުމުނާމާތަކަކަށް ވާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހީންގެ ވިސާއާ ގުޅުންހުރި ކަންތައްތައް ކުރިއަށް ގެންދިޔުމުގައި މެލޭޝިއާއިން ހަމަޖައްސަވާދެއްވާފައިވާ ލުއިފަސޭހަ ގޮތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ޑިޖިޓަލް ދާއިރާގެ ރޮނގުން ކުރިއަރާ ދިއުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެލޭޝިއާގެ އީޖާދީ އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ގެނައުމަކީ މުހިންމުކަމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި، އަރޓިފިޝަލް އިންޓެލިޖަންސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިކަމަކުގެ ސަބަބުން ދެ ޤައުމަށް ވެސް ބޮޑެތި ފައިދާތަކެއް ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ރޮނގުން އިތުުރު ގުޅުންތައް ހަރުދަނާ ކުުރެވިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުމަކީ ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ގުޅުމެއް ކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS