ޚަބަރު
ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު، މޫސުމަށް ސަމާލުވޭ!

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: އެޑިޝަން އެމްވީ
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިރޭ 21:30 އިން ފެށިގެން ދަންވަރު 02:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިންޑު ކޮންވަޒޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަން އެ އިދާރާއިން ހާމަކުރެއްވިއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ވ. ރަކީދޫއަށް ކަމަށާއި، އެ ރަށަށް 88.6 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ބުދަދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.