ޚަބަރު
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ސިނގިރޭޓު/ފޮޓޯ: ކަސްޓަމްސް
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިތަކެތި އަތުލައިގެންފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ޕްލައިވުޑް ޝިޕްމެންޓަކުން ކަމަށެވެ. އަދި މިތަކެތި އަތުލައިގެންފައިވަނީ ހުޅުމާލެ ސީކަރގޯ ޓަރމިނަލުންކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި އޮޕަރޭޝަންގެ ދަށުން ބަލައިފާސްކުރިއިރު، މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ 2 ކޮންޓެއިނަރގެ ތެރެއިން 1360 ކޭސް ސިނގިރޭޓް (13،600،000 ސިނގިރޭޓް ސްޓިކް) ފެނިފައިވާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވިދާޅުވީ، މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން ޢާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، މި އަތުލައިގަނެވުނު 13 މިލިއަން ވުުރެ ގިނަ ސިނގިރޭޓުގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ދިވެހި ރުފިޔާ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މި ތަކެއްޗަކީ، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުމުގެ ޤާނޫނާއި، ދުންފަތް އެތެރެކުރުމަށް ހުއްދަ ދޫކުރާ ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ތަކެތިކަމަށް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.