ޚަބަރު
ޒުވާނުންނަކީ ފާސިޤުކަމާއި ފަސާދައިގައި ނުޖެހި ޤައުމު ދެމެހެއްޓުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރަން ޖެހޭ ބައެއް: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފު ޢުމަރު/ފޮޓޯ: އެޑިޝަން އެމްވީ
ޒުވާނުންނަކީ ފާސިޤުކަމާއި ފަސާދައިގައި ނުޖެހި ޤައުމު ދެމެހެއްޓުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރަން ޖެހޭ ބައެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި ޤައުމަށް ދިމާވާ ކޮންމެ މައްސަލައަކާއި ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވާ ބަޔަކަށް އަދުގެ ޒުވާނުން ވާން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނަކީ ޒިންމާދާރުކަމާ އެކީގައި، ޤައުމަށް ދިމާވާ ކޮންމެ މައްސަލައެއްގައި ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވާ ބަޔަކަށް ވާންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ޤައުމު ދެމެހެއްޓުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބަޔަކަށް ޒުވާނުން ވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަޒީރު ވަނީ، ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނަށް ލޯބިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.