Ads by Aqeeqa Maldives

ޚަބަރު

ޔުމްނުގެ މައްސަލާގައި ފުލުހުންގެ އިޙުމާލެއް އޮތްތޯ ބެލުމަށް ޕީޖީ އަންގަވައިފި

ޔުމްނުގެ މައްސަލާގައި ފުލުހުންގެ އިޙުމާލެއް އޮތްތޯ ބެލުމަށް ޕީޖީ އަންގަވައިފި

ޕްރޮސެކިއުޓާރ ޖެނެރަލް އައްބާސް ޝަރީފް ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޭޕްރީލު 2025، 07:20

27 އޭޕްރީލު 2025، 07:20

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ގ. ރަނައުރާގެ އާގެ، ހައްވާ ޔުމްނު ރަޝީދު (21 އ)ގެ މައްސަލަ ތަޙުޤީޤު ކުރުމުގައި ފުލުހުން ޤާނޫނާ ޚިލާފަށް ޢަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)، އައްބާސް ޝަރީފް އަންގަވައިފިއެވެ. 

ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޔުމްނުގެ މައްސަލަ ތަޙުޤީޤު ކުރުމުގައި ހިމެނޭ އެއްވެސް އޮފިސަރަކު ޤާނޫނުތަކާ އިޖުރާޢަތްތަކާ ޚިލާފަށް ޢަމަލު ކުރިތޯ ބެލުމަށާއި، އަދި އެ ކަމުގައި ފުލުހުންގެ އިޙުމާލެއް ފާހަގަކުރެވޭ ނަމަ، އެކަމަށް ފިޔަވަޅު އެޅުމަށް ޕީޖީ އައްބާސް ޝަރީފް ވަނީ އަންގަވާފައެވެ.

ހަމައެއާއެކު، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔުމްނުގެ ޒާތީ މަޢުލޫމާތާއި، އޭނާ ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފައިވާތީ، ޔުމްނުގެ އަބުރާއި ކަރާމާތައް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް މަޢުލޫމާތެއް އިތުރަށް ހާމަނުކުރުމަށް އަންގާފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި މިފަދަ ކަންކަން ތަކުރާރުނުވާ ގޮތަށް ޢަމަލުކުރުމަށް ވެސް ޕީޖީ އޮފީހުން އަންގާފައިވެއެވެ.

މީގެ އިތުރުން، މި މައްސަލާގައި ތަޙުޤީޤަށް ހާޒިރުކުރި ބައެއް ފަރާތްތަކުގެ ކުޑަކަމުދާ ތަކެތި ނުނެގުނީ އެ ފަރާތްތައް އެކަމަށް އިންކާރުކުރުމާއެކު އެ ކަމުގައި ޤާނޫނޫ ހުރަސްތަކެއް ހުރެގެންކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވުމާ ގުޅިގެން، މިފަދަ ހާލަތްތަކުގައި ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރުން ވަކި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ. 

މި ބަޔާނުގައި ޕީޖީ އޮފީހުން އިތުރަށް ހާމަކުރީ، ޖީނާއީ ތަޙުޤީޤުތަކާގުޅޭ މައްސަލަތަކުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށާއި، އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށެވެ. އަދި މަޢުލޫމާތު ހާމަކުރުމުގައި ތަޙުޤީޤަށް ހުރަސް ނޭޅޭ ގޮތަށް އެކަން ކުރުމަށް ވެސް ވަނީ އަންގާފައެވެ. 

ޕީޖީ އޮފީހުން މި އިޝާރާތްކުރާ ނޫސްވެރިންގެ ބައްދަލުވުމުގައި ހ. ފެންޓޯނިއާގޭގެ ތެރޭގައި ޔުމްނު އާއި ރައުދު އަޙުމަދު ޒިލާލު އުޅުނު ވީޑިއޯ ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން އެ ދެ މީހުން އެ ގޭގެ ސިޑިމަތީގައި ބަދުއަޙުލާގީ ޢަމަލު ހިންގިކަން ހާމަވެފައިވެއެވެ.

ޔުމްނުގެ މައްސަލާގައި އާންމުގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާެު ވަނީ ރޭ އިސްތިއުފާ ދެއްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS