ޚަބަރު
ކުޑަހުވަދޫގައި އާރްސީސީއިން 160 އެޕާޓްމަންޓް ތަރައްޤީކުރަނީ

ކުޑަހުވަދޫގައި އާރްސީސީއިން 160 އެޕާޓްމަންޓް ތަރައްޤީކުރަނީ ފޮޓޯ:އާރްސީސީ
ދ. ކުޑަހުވަދޫގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުނިން 160 އެޕާޓްމަންޓް ތަރައްޤީކުރުމަށް ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން "މާވޭރު" ނަމުގައި ދެ ޓަވަރެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި "ޓަވަރ އޭ" އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ. އަދި ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިހާމެވެ.
އާރުސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މާވޭރު ޓަވަރ އޭ މަޝްރޫޢުގެ ދަށުން ހަދާނީ 2 ބްލޮކްގެ 80 އެޕާޓްމަންޓެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 1.5 މިލިޔަން ރުފިޔާއެވެ. މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރިއާއި 3 ފާޚާނާ ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލާފައެވެ. އެޕާޓްމަންޓް ގަތުމާ ގުޅޭ މަޢުލޫމާތު ހޯދުމަށް އާރުސީސީއަށް ގުޅުމުން ނުވަތަ އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ، ގެސްޓުހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ. އަދި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށަކަށްވުމާއެކު، މި މަޝްރޫޢުން ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބޭނެއެވެ.