ސައިންސް / ދުނިޔެ
އިންސްޓަގްރާމް ބޭނުންކުރާމީހުންގެ އުމުރު ދެނެގަތުމަށް އޭ.އައި ޓެކްނޮލޮޖީ ބޭނުންކުރަނީ

އިންސްޓަގްރާމް
އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ބޭނުންކުރަން މެޓާއިން ނިންމައިފިއެވެ. މި އޭ.އައި ޓޫލްގެ ޒަރީއާއިން، އިންސްޓްގްރާމް ބޭނުންކުރާ ފަރާތުން ދޮގު މަޢުލޫމާތު ދިނަސް އެމީހުންގެ ހަގީގީ އުމުރު ދެނެގަނެވޭނެއެވެ.
މެޓާއިން ހާމަކުރި ގޮތުގައި، ޔޫސަރ ދޮގު އުމުރެއް ޖަހައިފިނަމަ، އޭ.އައި ޓެކްނޮލޮޖީން އޮޓޮމެޓިކުން އެ ޔޫސަރުގެ ހަގީގީ އުމުރު ދެނެގަނެ، 18 އަހަރުން ދަށުގެ ކުދިން "ޓީން" އެކައުންޓްތަކަށް ބަދަލުކުރާނެއެވެ. މެޓާއިން ޓީން އެކައުންޓްތައް ތަޢާރަފުކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މި އެކައުންޓްތަކަކީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަ އެކައުންޓްތަކެކެވެ. އަދި ޅަފުރައިގެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އެކައުންޓްތަކުގައި އެކި ބާވަތުގެ ހަނިކުރުންތައް ކުންފުނިން ގެނެސްފައިވެއެވެ.
ކުންފުނިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެކައުންޓެއް ކުޑަކުއްޖަކަށް ނިސްބަތްވާކަމުގެ ޝައްކެއް އުފެދިއްޖެނަމަ، ވަގުތުން އުމުރު ޗެކްކޮށް، އެކައުންޓް ހަނިކުރެވިފައިވާ ސެޓިންގްސް މޯޑަކަށް ބަދަލުކުރެވޭނެއެވެ.
މި ނިޒާމުން ކުށްތަކެއް ހެދިދާނެކަން މެޓާއިން ގަބޫލުކޮށްފައިވެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ޔޫސަރުންނަށް އެމީހުންގެ ސެޓިންގްސް ބަދަލުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. އުމުރު ދެނެގަތުމަށް އޭ.އައި ޓެކްނޮލޮޖީ ކުރިންވެސް ބޭނުންކުރަމުން އައި ނަމަވެސް، މިހާރު މި ޕްރޮސެސްއަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަމަށް ކުންފުނިން ބުނެފައިވެއެވެ.
މީގެ ކުރިން، ޚިދުމަތް ބޭނުންކުރާ ފަރާތުގެ ހަގީގީ އުމުރު ދެނެގަތުމުގެ ގޮތެއް ކުންފުންޏަކަށް ނޯވެއެވެ. އެހެންކަމުން މެޓާއިން ނިންމީ އޭ.އައި ޓެކްނޮލޮޖީ ބޭނުންކުރުމަށެވެ.
ކުންފުނިން ބުނާ ގޮތުގައި، އޮންލައިންކޮށް މީހުންގެ ހަގީގީ އުމުރު ދެނެގަތުމަކީ ބޮޑު ގޮންޖެހުމެކެވެ. އަދި ޅަފުރައިގެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އުމުރާ ގުޅޭ އެންމެ ރަނގަޅު ތަޖުރިބާ ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ބުނެފައިވެއެވެ. މި ފީޗަރ އެންމެ ފުރަތަމަ ޓެސްޓުކުރާނީ އެމެރިކާގައެވެ.