ޚަބަރު
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ އާއި ދެކޮޅަށް ސާބިތު ހެކި އެބަހުރި: ވަޒީރު އިޙްސާން

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން/ފޮޓޯ: މަޖިލިސް
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދާއި ދެކޮޅަށް ސާބިތު ހެކި އެބަހުރި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ޝަމްއާން އިމިގްރޭޝަންގެ ކޮންޓްރާލަރުގެ މަޤާމުގައި ހުރިއިރު އެ ދެ ބޭފުޅުންގެ މެދުގައި ވަރށް ރަނގަޅު ގުޅުމެއް އޮތް ކަމަށެވެ. ނަމަވެސް، ޤާނޫނާއި ޚިލާފުވާ ހިސާބުން އެއީ ކޮން ހައިސިއްޔަތެއްގެ، ކޮން މަޤާމެއްގައި ހުރި މީހެއްތޯ ނުބަލޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މީހާ ހުރި މީހަކީ އެއްވެސް ޙާލެއްގައި ޤާނޫނު ދަންނަ އެއްޗެއް ނޫންކަން ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ޤާނޫނު ތަންފީޒުކުރަމުންދާއިރު އެއްވެސް މީހަކު ހުރި މަޤާމެއް ނުބަލާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު އިޙްސާން ވަނީ، މި ސަރުކާރުން ޝަމްއާން ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން އާއިލާއަށް ދެއްވައިފައެވެ. އަދި ޤާނޫނުގެ ތެރެއިން އޭނާއަށް ލިބެންޖެހޭ ހުރިހާ ޙައްޤެއް ލިބޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޝަމްއާންގެ މައްސަލައިގެ އިތުރު ތަފްސީލްތައް މާދަމާގެ ވަގުތެއްގައި ފުލުހުން އާންމުކުރާނެ ކަމަށެވެ. ހަމަ އެހެންމެ، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ތަހުޤީގުން ސާބިތުވާ ހެކި ފެނިގެންކަން އެމަނިކުފާނަށް ކަށަވަރުކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.