Ads by Aqeeqa Maldives

ޚަބަރު

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވުން ހުއްޓުވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފަ: ދާޚިލީ ވަޒީރު

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވުން ހުއްޓުވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފަ: ދާޚިލީ ވަޒީރު

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 އޭޕްރީލު 2025، 11:10

23 އޭޕްރީލު 2025، 11:10

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވުން ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި މީކާއިލް ވަނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތު ކުރައްވައި، އެކަމުން ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ތެރެއިން އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު ބޭނުންކޮށްގެން، އެއްވެސް މީހަކު ޕާޓީއަކަށް ވައްދާފައިނުވާނެ ކަމަށެވެ. އަދި 2014 ވަަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ހިމެނޭ ޑޭޓާތައް ލީކުކޮށް، އެ ޑޭޓޭތައް ސިޔާސީ މަންފާއަށް ބޭނުންކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާލުމުގެ އިތުރުން، ފިޒިކަލީ ޑޭޓާއަށް އެކްސެސް އޮންނަ މުވައްޒަފުންނަށް އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނިކަމަށް ވެސް މިހާރު ކަށަވަރުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚީލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މި ފިޔަވަޅުތަކަކީ ކުރިއަށް އޮތްތަނުގައިވެސް ޑީއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒް ނުވާނެކަން ކަށަވަރު ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS