ޚަބަރު
މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާހުލް ބުދައިރު

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާހުލް ބުދައިރު/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މިރޭ މާލޭގެ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލް ބުދައިރުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިރޭ ޑރ. ޞަލާހުލް ބުދައިރު ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނެ ކަމަށެވެ. އަދި މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރުކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މާދަމާރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާހުލް ބުދައިރުކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އެމަނިކުފާނުގެ ޚާއްޞަ ދަރުހެއް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލް ބުދައިރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެރުވި ދަޢުވަތެއްގެ މަތިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
މި ދަތުރުފުޅުގައި ޑރ. ޞަލާހުލް ބުދައިރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގަންނަވާ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ވުޒާރާގެ އިސްވެރިންނާއި ފަތުވާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.