ޚަބަރު
މަސްޖިދުއްނަބަވީގެ އިމާމު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.
މި ދަރިވަރުންނާއި ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުގެ ވަޤުތެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ވަރަށް އުފާވެރި އިޙުސާސްތަކެއް ގެނުވައިދިން ކަމެއް ކަމަށެވެ. ހަމަ އެހެންމެ، ދަރިވަރުންނާއި ބައްދަލުވުމުން އުފާކުރައްވާކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ ދަރިވަރުންނަށް ފާޤަތި މުސްތަޤްބަލަކަށް އެދިލައްވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ޤުރުއާން ކިޔެވުމުގެ ހުނަރު ވެސް ދައްކާލާފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އެ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގަންނަވާ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ވުޒާރާގެ އިސްވެރިންނާއި ފަތުވާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.