ދުނިޔެ
ޚާން ޔޫނިސްގެ ސަރަހައްދަކަށް ހަމަލާދީ 11 މީހުން ދިރިތިއްބައި އަންދާލައިފި

ހަމަލާތަކަށް ފަހު ޚާން ޔޫނިސް
ޣައްޒާގެ ޚާން ޔޫނިސްގެ ސަރަހައްދަކަށް ހަމަލާދީ 11 މީހުން ދިރިތިއްބައި އަންދާލާ ޝަހީދުކޮށްލައިފިއެވެ.
ރޭވެސް އިޒްރާއިލްގެ ސިފައިންވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދީފައެވެ. މިހަމަލާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައެވެ.
ޚާން ޔޫނިސްއަށް ވައިގެ މަގުން ދިން ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އަރައި މީހުން ދިރިއުޅޭ ގެއަކަށް އަރައި އެގޭގެ ތެރޭގައި ތިބި 11 މީހަކު ދިރިތިއްބައި އަނދާ ވަނީ ޝަހީދުވެފައެވެ.
ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ބަޔަކު ހިޔާވަހިކަން ހޯދަމުންދިޔަ ގެއަކަށް ވައިގެ މަގުން ހަމަލާދީ އެގޭގައި ތިބި އެއް އާއިލާއެއްގެ ހަތް މީހަކު ވެސް ޝަހީދުވެފައިވެއެވެ.
މީގެއިތުރުން ޣައްޒާގެ އުތުރުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުރި ޓެންޓަކަށް ދިން ހަމަލާއެއްގައި ފަސް މީހަކު ވަނީ ޝަހީދުވެފައެވެ. އެއީ ދެމަފިރިއަކާއި އެދެމީހުންގެ ތިން ދަރިންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 26 މީހުން ޝަހީދުވެ 60 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާާރާއިން ވަނީ ބުނެފައެވެ.
"ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ގިނަ އަދަދެއްގެ މީހުން އަދިވެސް ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގަޔާއި މަގުތަކަށް ދޫވެފައި، އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސްގެ މެމްބަރުންނަށް އެސަރަހައްދުތަކަށް ދެވޭކަށް ނެތް” އެވުޒާރާއިން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައިވެ އެވެ.
އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 51،266 މީހުން ޝަހީދުވެ، 116،991 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
މާޗް މަހުގެ 18 ވަނަ ދުވަހު އިޒްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެ ހަމަލާތައްފެށި ފަހުން ޣައްޒާގައި ފަލަސްތީނުގެ 1،890 މީހުން ޝަހީދުވެ، 4،950 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.