ޚަބަރު
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ހިންގާ ޓްރެއިނަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ހިންގާ ޓްރެއިނަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: އިޖްތިމާޢީ ވުޒާރާ
ރަށު ފެންވަރުގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން (ސީ.ބީ.އާރު) ހިންގާނެ ފަރާތްތަކަށް ބޭނުންވާނެ ތަމްރީނު ފޯރުކޮށްދެއްވާނެ ފަރާތްތަކެއް ބިނާކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސީ.ބީ.އާރު ޓްރެއިނިންގ އޮފް ޓްރެއިނާސްގެ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށްދާނީ މިހިނގާ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންގެ ހާލަތު ރަނގަޅުކުރުމާއި، ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި، ފަގީރުކަން ކުޑަކުރުމާއި، މުޖުތަމައުގައި ފުރިހަމައަށް ބައިވެރިކުރުމަށް، އެ މީހަކު ދިރިއުޅޭ މުޖުތަމައެއް ތައްޔާރުކޮށް ބިނާކުރާނެ ގޮތުގެ ނިޒާމެކެވެ. ރާއްޖެއަކީ ކުދިކުދި އާބާދީތަކަށް ބެހިގެން މީހުން ދިރިއުޅޭ ޖަޒީރާ ގައުމެއް ކަމަށްވެފައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުރިހާ ހިދުމަތެއް ލިބެން ނެތްކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އެންމެ ފުރިހަމަ ގޮތުގައި އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރުމަކީ ހަރަދުބޮޑު އަދި ކުރަން ދަތި ކަމެއްކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، މިފަދަ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ސީބީއާރު އަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރިހެބިލިޓޭޝަން ނިޒާމު މެދުވެރިކޮށް އެފަދަ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ފުރިހަމަކުރާ ފަރާތްތައް ވެގެންދާނީ، ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ރާއްޖޭގައި ގާއިމްކުރުމުގައި ރަށު ފެންވަރުގައި ހަރަކާތްތެރިވާނެ އެކި ސަރުކާރުގެ ފަރާތްތަކާއި، އަދި އަމިއްލަ ޖަމިއްޔާގެ ބޭފުޅުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.