ޚަބަރު
ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ދައުރު ބޮޑު: ރައީސް

މަސްޖިދުއްނަބަވީގެ އިމާމު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މަސްޖިދުއްނަބަވީގެ އިމާމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. ހަމަ އެހެންމެ، މި ދަތުރުފުޅަކީ ވޭދުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ތަރައްޤީގައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަކީ މުހިންމު ދައުރެއް އަދާކުރާ ސަރުކާރެއް ކަމަށެވެ. މީގެ ތެރެއިން ވެސް ޚާއްޞަކޮށް ރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ، ރައީސް ވަނީ އެ ޤައުމުން ކޮށްފައިވާ އެކި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. ހަމަ އެހެންމެ، ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ޙައްޖާއި ޢުމްރާވެރިންނަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ، އެމަނިކުފާނަށް ރާއްޖެއިން އެރުވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަން ފާހަގަކުރައްވާ، އެގުޅުން އިތުރަށް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު އާއި އެޤައުމުގެ ވަލީޢަހުދު ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލްސަޢޫދު ގެ ހެޔޮ އެދުންތައް ވެސް ވަނީ ރައީސްއަށް އަރިސްކުރައްވާފައެވެ
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވަމުންނެވެ.