ޚަބަރު
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެމީހުންގެ އަތުން 968.6 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީން (36އ) އެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވާކަމަށެވެ. ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.