ޚަބަރު
މަސްޖިދުއްނަބަވީގެ އިމާމު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މަސްޖިދުއްނަބަވީގެ އިމާމު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމަކީ، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އެ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ދެއްވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.