ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ބަނގުރާ ނައްތާލަނީ/ފޮޓޯ: ފުލުހުން
އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަނގުރާ ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގައި ކަމަށެވެ. އަދި ނައްތާލާފައިވާ ބަނގުރާއަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރާގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް، އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާގެ އިތުރުން، ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އިއްޔެ ކުރިއަށްދިޔަ މި މަސައްކަތުގެ ދަށުން ޖުމްލަ 457 ބްރޭންޑެޑް ބަނގުރާ ފުޅި ނައްތާލާފައިވާ ކަމަށެވެ. ހަމަ އެހެންމެ، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރު ވެސް ނައްތާލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި ޖުމްލަ 3 ބާވަތެއްގެ ތަކެތި ވަނީ ނައްތާލާފައެވެ. އޭގެ ތެރޭގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު، އަދި ދަބަސް ފަދަ ތަކެތި ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާ ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންނެވެ.