ޚަބަރު
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 7 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 7 ވަނަ އަސާސީ ތަމްރީނު ކޯސްގެ ބައިވެރިން/ފޮޓޯ: ފުލުހުން
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 7 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.
މި ކޯހަކީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަށާފައިވާ ކޯހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. މި ކޯސް ކުރިއަށްދާނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މާލޭ ކެމްޕަހުގައި މިއަދުން ފެށިގެން އަންނަ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. އެގޮތުން، މި ކޯހުގައި ބައިވެރިންނަށް ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުމުގެ އިތުރުން، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެއެވެ.
މި ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 25 ފުލުހުން ބައިވެރިވވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 16 ފިރިހެން ފުލުހުންނާއި 9 އަންހެން ފުލުހުންނެވެ.