ޚަބަރު
މިއަހަރު އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަށް އެދެން: ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް/ފޮޓޯ: ސަން އޮންލައިން
މިއަހަރު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، މިއަހަރު އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ހިތްވަރު ދެއްވުމަށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، މި ދަނޑިވަޅަކީ ދަރިވަރުންގެ މުޅި ތަޢުލީމީ ޙަޔާތުގައި ވެސް ވަރަށް މުހިންމު ދަނޑިވަޅެއްކަމަށެވެ. ހަމަ އެހެންމެ، ހިތްވަރާއި ބުރަ މަސައްކަތުން އުޖާލާ މުސްތަޤުބަލެއް ދަރިވަރުންނަށް ތަނަވަސްވެގެން ދާނެ ކަމަަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް ދަރިވަރުން ކުރަމުންދާ ދަތުރުގެ ކޮންމެ ފިޔަވަޅެއް ވެސް ފަސޭހަކޮށްދެއްވުމަށް އެދި ނައިބު ރައީސް ވަނީ ދުޢާކުރައްވާފައެވެ.
ތަޢުލީމީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ އައިޖީސީއީ އަދި އެސްއެސްސީ އިމްތިހާނުގައިި ޖުމްލަ 7،971 ދަރިވަރުން ބައިވެރިވާނެއެވެ. އަދި މިއަހަރުގެ އިމްތިހާންތައް ޖުމްލަ 261 ސެންޓަރެއްގައި ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.