ޚަބަރު
ގިނަ ޢަދަދެއްގެ ދަރިވަރުންނާއެކު މިއަހަރުގެ އެސްއެސްސީ އާއި އޯލެވެލް އިމްތިހާން މިއަދު ފަށައިފި

ދަރިވަރުން
ގިނަ ޢަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އެސްއެސްސީ އާއި އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނުގެ ފުރަތަމަ އިމްތިހާން ފަށާފައިވަނީ މިއަދު ހެނދުނު 9:30 ގައެވެ. އަދި މި އިމްތިހާނުތައް މިއަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ މެއި/ޖޫން އިމްތިހާނުގައި ޖުމްލަ 8،364 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ. އަދި މި އިމްތިހާނުތައް ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށްދާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ދިވެހި އަދި އިސްލާމް މާއްދާ (އެސްއެސްސީ) އިމްތިހާން މިއަހަރު ހަދާނީ ޖުމްލަ 7،519 ދަރިވަރުންނެވެ. އަދި މި ޢަދަދަކީ މިދިޔަ އަހަރަށް ވުރެ 165 ދަރިވަރުމްގެ އިތުރުވުމެކެވެ.
މިހާރު ގްރޭޑް ނުވައެއްގައި ގައި ކިޔަވަމުންދާ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗުގައެވެ. އަދި މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައެވެ.
އަދި އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ނޮވެމްބަރުގައެވެ.