ޚަބަރު
ދިވެހިރާއްޖެއިން އައިރީނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އައިރީނާގެ ޑިރެކްޓަރ ޖެނެރަލަށް ފަތްކޮޅު އަރުވައިފި

އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީގެ ހެޑްކުއާޓަރ/ފޮޓޯ: އިންޓަރނެޓް
އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އަލްފާޟިލް މުހައްމަދު ހުސައިން ޝަރީފް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ފްރެންޗެސްކޯ ލާ ކެމެރާއަށް އަރުވައިފިއެވެ.
އައިރީނާގެ ޑިރެކްޓަރ ޖެނެރަލަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ އަބޫދާބީގައި ހުންނަ އައިރީނާ ގެ މައިއޮފީހުގައެވެ. މި ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަރިހުގައި ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ ހައިޝަމް މުޙައްމަދާއި، ކައުންސެލަރ މުއުމިނާ އިބްރާހިމް، އަދި ފަސްޓް ސެކްރެޓަރީ ފާތިމަތު ނިޢުޝާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު މުޙައްމަދު ޙުސައިން ޝަރީފު ވަނީ، އިޢާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ކުރިއެރުވުމުގައި އައިރީނާ އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންގެންދާ ފަންނީ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އައިރީނާ އިން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވާ ދިވެހިރާއްޖެއާއި އައިރީނާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި ދިވެހި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އައިރީނާއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް މިސްޓަރ ފްރެންޗެސްކޯ ލާ ކެމެރާ ވަނީ، ސަފީރުގެ އާ ދައުރަށް މަރުހަބާ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަށް އިތުރަށް ފުޅާކުރުމުގައި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމަށް ޑިރެކްޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީއަކީ 2009 ވަނަ އަހަރު ރަސްމީކޮށް އުފެދުނު އިންޓަރ ގަވާރމެންޓަލް ޖަމްޢިއްޔާއެކެވެ. ޖުމްލަ 169 މެމްބަރު ޤައުމު ހިމެނޭ މި ޖަމްޢިއްޔާގެ މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 2009 ވަނަ އަހަރުގައެވެ.