ދުނިޔެ
ވަގަށް ބޭރުކުރަން އުޅުނު ހިނިތަކެއް އަތުލައިގަނެފި !

ވަގަށް ބޭރުކުރަން އުޅުނު ހިނިތައް ފޮޓޯ:އިންޓަނެޓް
ކެނިޔާގެ ވައިލްޑްލައިފް ސަރވިސް (ކޭޑަބްލިއުއެސް) އިން ބުނެފައިވާ ގޮތުގައި، ކެނިޔާއިން ހުއްދަނެތި އެތައްސަތޭކަ ހިނި ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 4 މީހުން އެ ކުށަށް އިއުތިރާފުވެއްޖެއެވެ. މި މައްސަލައަކީ ކެނިޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިމާވި "ބަޔޯ-ޕައިރަސީ" ގެ މައްސަލައެއް ކަމަށް ކޭޑަބްލިއުއެސްގެ ތަރުޖަމާނު ޕޯލް އުޑޯޓޯ ވަނީ ބީބީސީއަށް މައުލޫމާތު ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނީ ބެލްޖިއަމްގެ 2 ރައްްޔިތުންނާއި، ވިއެޓްނާމް ރައްޔިތަކާއި، ކެނިޔާ ރައްޔިތެކެވެ. މި މީހުން ހައްޔަރުކުރެވުނީ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ހިންގުނު އޮޕަރޭޝަނެއްގައެވެ. ކޭޑަބްލިއުއެސްއިން ބުނެފައިވާ ގޮތުގައި މި މީހުން ގަސްދުކޮށްފައިވަނީ މި ހިނިތައް ޔޫރަޕާއި އޭޝިއާގެ އެގްޒޮޓިކް ޕެޓް މާކެޓްތަކަށް ގެންދިއުމަށެވެ.
ހައްޔަރުކުރެވުނު މީހުން އަތުން ފެނުނު ހިނިތަކުގެ ތެރޭގައި ޖަޔަންޓް އެފްރިކަން ހާވެސްޓަރ އެންޓް ހިމެނެއެވެ. މި ބާވަތުގެ ހިނީގެގެ އަގު ޔޫކޭގެ ބައެއް ޑީލަރުން ކަނޑައަޅާފައިވަނީ 170 ޕައުންޑް (220 ޑޮލަރު) އަށެވެ. މި ހިނިތައް ފޮރުވާފައިވަނީ ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓެސްޓް ޓިއުބްތަކާއި ސިރިންޖްތަކެއްގައެވެ. މިގޮތަށް ބަހައްޓައިގެން މި ހިނިތަކަށް ދެ މަސް ދުވަހު ދިރި ތިބެވޭނެއެވެ.
ކޭޑަބްލިއުއެސްއިން ބުނެފައިވާ ގޮތުގައި މި މައްސަލައިން ދައްކުވައިދެނީ ވިޔަފާރީގެ ގޮތުން ޖަނަވާރު ވަގަށް ނެގުމުގެ ކަންކަން ބޮޑެތި ޖަނަވާރުތަކުން ކުދި ދިރޭތަކެއްޗަށް ބަދަލުވަމުންދާކަމެވެ. އަދި މި ފަދަ ކުދި ދިރޭތަކެތި ވެސް ތިމާވެށީގެ ހަމަޖެހުމަށް ވަރަށް މުހިންމު ކަމަށް ވެސް ކޭޑަބްލިއުއެސްއިން ވަނީ ބުނެފައެވެ.
ކެނިޔާގައި މި ހިނިތައް ވަނީ ބައިނަލްއަޤްވާމީ ބަޔޯޑައިވަރސިޓީ މުއާހަދާތަކުގެ ދަށުން ރައްކާތެރިކުރެވިފައެވެ. އަދި މި ހިނިތަކުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ. ކޭޑަބްލިއުއެސްއިން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ދަޢުވާކުރުމުން ދޭހަވަނީ ކެނިޔާއިން މި ފަދަ ކަންކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމެވެ.