ޚަބަރު
ކުޅުދުއްފުށީ ބަނދަރުގައި ސީސީޓިވީ ކެމެރާ ހަރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުޅުދުއްފުށީ ބަނދަރުގައި ސީސީޓިވީ ކެމެރާ ހަރުކުރަން އެއްބަސްވުމެއްގައި ސޮއިކުރުން/ފޮޓޯ: ފުލުހުން
ކުޅުދުއްފުށި ސިޓީގެ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާޠިފެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގެ ބަނދަރުގައި ހަރުކުރުމަށް ނިންމަވާފައިވާ ސީސީޓީވީ ކެމެރާތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔޫއެންއޯޑީސީ އިން ގުޅިގެން ރަށްރަށުގެ ބަނދަރުތަކުގައި ހަރުކުރާ ސީސީޓީވީ ކެމެރާތައް ކަމަށެވެ. އަދި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ރަށުގެ އެކި ހިސާބުތަކުގައި ހަރުކުރާގޮތަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ފުރަތަމަ ފިޔަވަހީގައި ސީސީޓީވީ ކެމެރާ ހަރުކުރަން ހަމަޖެވިފަނީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދުކަލޭފާނު ބަނދަރުގައެވެ.
މި ކެމެރާތަކުގެ ކޮންޓްރޯލް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.