ދުނިޔެ
ހަމަލާތަކަށް 555 ދުވަސް، މިހާތަނަށް 18،500 ތުއްތު ކުދިން ޝަހީދުވެއްޖެ

ޝުޖާޔާ ސަރަހައްދަށް ދިން ހަމަލާއެއްގައި ޝަހީދުވި ތުއްތު ކުއްޖެއް. ފޮޓޯ:އެކްސް
ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ނަޞްލު ނައްތާލުމަށް އިޒްރާއިލުން ދޭ ހަމަލާތަކަށް 555 ދުވަސް ވެފައިވާއިރު މިހާތަނަށް މި ހަމަަލާތަކުގައި 18،500 ކުދިން ޝަހީދު ކޮށްލައިފިއެވެ.
ފަލަސްޠީނުގެ ޣައްޒާގެ ޙާލަތު ކަވަރުކޮށް ދުނިޔެއަށް ޚަބަރުތައް ގެނެސްދެމުންދާ ޣައްޒާގެ ނޫސްވެރިޔާ މުޢުތަސިމް އަޙްމަދު ދަލޫލް އެކްސްގައި ޚިއްސާކޮށްފައިވާ އަދާހަމަ މަޢުލޫމާތުތަކުގައި ބުނާގޮތުން، 7 އޮކްޓޯބަރު 2023ން ފެށިގެން 14 އޭޕްރީލް 2025 އާއި ހަމައަށް އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 50،983 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 18،500 ކުޑަކުދިންނާއި 12،000 އަންހެނުން ހިމެނެއެވެ.
މީގެއިތުރުން ހަމަލާތަކުގައި 116،274 މީހަކަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.
ޝަހީދުންގެ ޢަދަދާއި ޒަޚަމްވީ މީހުންގެ ޢަދަދު މިހާބޮޑަށް މައްޗަށް އަރައިގެން ގޮސްފައިވާއިރު ވެސް އިޒްރާއިލްގެ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ.
އެގޮތުން ރޭ ވެސް ހަތަރު ގަޑިއިރު ތެރޭގައި 36 މީހަަކު ޝަހީދުކޮށްލައިފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ގެދޮރު ހަލާކުވުމެގެ ސަބަބުން ވަގުތީ ހިޔާގެ ގޮތުގައި ޓެންޓު ޖަހައިގެން ދިރިއުޅެމުންދިޔަ މީހުންނެވެ.
އޭގެތެރޭގައި ހިމެނެނީ އަލް މަވާސީ ސަރަހައްދުގައި ޓެންޓު ޖަހައިގެން ދިރިއުޅެމުންދިޔަ ހަތަރު މީހަކާއި، ޚާން ޔޫނިސްގެ އަލް އަސްތަބަލް މަގުގައި ޓެންޓު ޖަހައިގެން ތިބި 15 މީހަކާއި(މީގެ ތެރޭގައި ގިނައީ ކުޑަކުދިން)، ބައިތު ލާހިޔާގައި ޓެންޓު ޖަހައިގެން ތިބި ހަތަރު މީހަކާއި އަދި ޖަބަލިއްޔާގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހައިގެން ތިބި 13 މީހެކެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސިޓީ އެއްކޮށްހެން ހަލާކުވެފައިވާއިރު ވަންނާނެ ތަނެއް ނެތި އެތައް ބަޔަކު ވަނީ މަގުމަތިވެފައެވެ. ކާބޯތަކެއްޗާއި، ފެނާއި، ޒަރޫރީ ތަކެތި ނުލިބުމުގެ ސަބަބުން އެތައް ދަތިތަކެެއް ޣައްޒާގެ ރައްޔިތުން އަންނަނީ ތަހައްމަލު ކުރަމުންނެވެ.
ހަމަލާތަކަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ހަމަލާތައް ހުއްޓާލުމަށް ހެދުނު އެއްބަސްވުމަށް އިޒްރާއިލުންް ވަނީ ޚިލާފުވެފައެވެ. އަދި މި ހަފްތާގެ ތެރޭގައި އިޒްރާއިލުން ހަމަލާތައް ހުއްޓާލުމަށް ޝަރުތު ތަކެއް ކަނޑައަޅައި ހުށައެޅި ހުށައެޅުންތަކަށް ހަމާސް އިން ވަނީ ދެކޮޅުހަދައި އެގޮތައް އެއްބަސްނުވާނެކަމަށް ބުނެފައެވެ.
އިޒްރާއިލުން ހުށައަޅައިފައިވަނީ 45 ދުވަހަށް ހަމަލާތައް މެދުކަނޑާލައި ހަމާސް އިން ރަހީނުކުރި އިޒްރާއިލްގެ ރައްޔިތުން އެއްކޮށް މިނިވަން ކުރުމަށެވެ. މީގެ އިތުރުން ހަމާސްގެ ހުރިހާ ހަތިޔާރެއް ނައްތާލުމަށް ވެސް ބުނެފައިވެއެވެ.
ހަމާސްއިން ވަނީ ސީދާ ބަހުން މިކަމަށް ދެކޮޅު ހަދައިފައެވެ. ހަމާސްގެ މީޑިއާ އޮފިޝަލް ސާމީ އަބޫ ޒުހްރީ ވިދާޅުވެފައިވަނީ ހަމާސްއިން ބޭނުންވަނީ ހަނގުރާމަ މުޅިން ހުއްޓާލައި، އިޒްރާއީލުގެ ސިފައިން ޣައްޒާއިން ފުރައިގެން ދިއުމަށް ކަމަށެވެ.