ޚަބަރު
ތ. ވިލުފުށީގައި ފުލުހުންގެ "އަރުތަ" ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އަރުތަ ޕްރްގޮރާމްގެ ތެރެއިން/ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ތ. ވިލުފުށީގައި ހަރަކާތްތެރިވާ އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ފުލުހުންގެ "އަރުތަ" ޕްރޮގްރާމް ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޕްރޮގްރާމަކީ ވިލުފުށީ ޕޮލިހާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން މި މަހު 14 އިން 15 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމްގެ ދަށުން އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ތަފާތު އެކި މަޢުލޫމާތުތައް ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުތައް ދީފައިވާކަމަށެވެ. ހަމަ އެހެންމެ، މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ލީޑަރެއްގެ ދަށުގައި މަސައްކަތްކުރާނެ ގޮތާއި، އެގޮތަށް މަސައްކަތްކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ބައިވެރިންނަށް ކިޔާދީފައެވެ.
މީގެ އިތުރުން، ރަށުގެ ތަރައްޤީއަށް ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުއްވާލާފައެވެ. ހަމަ އެހެންމެ، މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކިއެކި ކަންކަން ޙައްލުކުރާނެ އެންމެ އެދެވޭ ގޮތްތަކުގެ މަޢުލޫމާތުވެސް މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ހިއްސާކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. އަދި އެކުވެރިކަމާއި އެއްބައިވަންތަކަށް އަލާކުރުމުގެ މަޤްޞަދުގައި މި ޕްރޮގްރާމުގެ ބައިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ މި އަރުތަ ޕްރޮގްރާމުގައި ވިލުފުށީގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތަށް ޖުމްލަ 74 މީހުން ވަނީ ބައިވެރިވެފައެވެ.