ދުނިޔެ
އިޒްރާއިލުން މިހާތަނަށް 1400 މެޑިކަލް އޮފިސަރުން ޝަހީދުކޮށްލައިފައިވޭ

ޝަހީދުކޮށްލައިފައިވާ މެޑިކަލް އޮފިސަރުންތަކެއްގެ ޖަނާޒާ.
އިޒްރާއިލުން 7 އޮކްޓޯބަރު 2023ގައި ޣައްޒާއަށް ހަމަލާދޭން ފެށިފަހުން 1400 މެޑިކަލް އޮފިސަރުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޓެލެގްރާމްގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ޝާއިއުކުރި ބަޔާނެއްގައި އަންގާރަ ދުވަހު ބުނެފައި ވަނީ 1،400 އަށް ވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ޝަހީދުވެފައިވާއިރު، ޞިއްޙީ ދާއިރާގެ ގާތްގަނޑަކަށް 360 މީހުން އިޒްރާއީލުން ރަޙީނުކޮށްފައި އެބަތިބި ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 62،000 މީހުން ޝަހީދުވެފައިވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 115،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، ގާތްގަނޑަކަށް މުޅި 2.3 މިލިއަން މީހުން ގެދޮރުގެއްލި ޙާލުގައި ޖެހިފައި އެބަތިއްބެވެ.
އިޒްރާއީލުން ފަށައިފައިވާ ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ މެޑިކްސް އާއި އެމަޖެންސީ ވޯކަރުންނަށް ވަނީ ވަރަށް ބޮޑަށް އެކަމުގެ އަސަރުކޮށްފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަކީ ޚާއްޞަ ރައްކާތެރިކަމެއް ލިބޭތަންތަނެވެ. ނަމަވެސް އިޒްރާއީލުން ދަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޮން އަޅައި އެތަންތަން ބޭނުން ނުކުރެވޭ ވަރު ކޮށްފައެވެ.
އިޒްރާއީލުން ވަނީ ހޮސްޕިޓަލްތަކާއި އެމްބިއުލާންސްތަކާއި މެޑިކަލް މުވައްޒަފުންނަށް އަމާޒުކޮށް، ޞިއްޙީ ހިދުމަތްދޭ ތަންތަނަށް އެތައް ސަތޭކަ ހަމަލާތަކެއް ދީފައެވެ. އެކަމުގެ ސަބަބުން ޞިއްޙީ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ ފުނޑުފުނޑުވެފައެވެ. ޖެނުއަރީ މަހު ޑަބްލިއުއެޗްއޯ އިން ރިޕޯޓްކުރި ގޮތުގައި 36 ހޮސްޕިޓަލުގެ ތެރެއިން ބޭނުންކުރެވޭ ޙާލަތުގައި ހުރީ 16 ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލް ތަކުގައިވެސް އެމަޖެންސީ ބޭސް ފަރުވާއާއި އެނދު އަދި ކޮންމެހެން ބޭނުންވާ ތަކެތި ނެތުމުން ފަރުވާތައް ދިނުމަށް ވަނީ ނުކުޅެދިފައެވެ.
ސާޖަރީތައް ކުރަން ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ލައިޓްތަކަށް ކަރަންޓު ދެވޭނެ ގޮތް ނެތުމުން ފޯނުތަކުގެ ލައިޓް ދިއްލައިގެން ސާޖަރީތައް ކޮށްފައިވާކަމަށް ޓީއާރްޓީ ގްލޯބަލްގައި ބުނެފައިވެއެވެ.
މެޑިކަލް އޮފިސަރުންނަށް އިޒްރާއީލުގެ އަސްކަރިއްޔާ އާއި ސްނައިޕަރުންގެ ފަރާތުން މެދުނުކެނޑި އިންޒާރުތައް ކުރިމަތިކުރަމުންދާއިރު މެޑިކަލް އޮފިސަރުންގެ ޔުނިފޯމަކީ ޚާއްސަގޮތެއްގައި ފާހަގަކޮށް ހަމަލާތައް އަމާޒުކުރާ ބަޔަކަށް ވަނީ ވެފައެވެ.
މިސާލަކަށް ހޮސްޕިޓަލުގެ ޑިރެކްޓަރެއް ކަމަށްވާ ޑރ.ހުސާމް އަބޫ ސަފިޔާ އިސްރާއީލު ސިފައިން ހިފަހައްޓައި އަނިޔާކުރިއެވެ. އިޒެދީން ލުލޫ ފަދަ އަނެއް ބަޔަކު އާއިލާގެ މެމްބަރުން ގެއްލުނު ނަމަވެސް އިސްރާއީލުން ވަށާލުމުގެ ތެރޭގައި ބަލިމީހުންނަށް ފަރުވާ ދިނުން ކުރިއަށް ގެންދިޔަ އެވެ.
އެގޮތުން އިޒްރާއީލުގެ ސިފައިން ވަނީ ދާދި ފަހުން ޣައްޒާގެ ދެކުނުގައި 8 މެޑިކްސް ހިމެނޭ ގޮތަށް 15 އެމަޖެންސީ ވޯކަރުން ޝަހީދުކޮށްލައި، އެމީހުން އެއް ވަޅުގަނަޑެއްގަައި ވަޅުލައިފައެވެ.