ދުނިޔެ
ހަމަލާތައް ހުއްޓާލުމަށް އިޒްރާއިލުން ހުށައެޅި ހުށައެޅުންތައް ހަމާސް އިން މުރާޖަޢާ ކުރަނީ

ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މަންމައަކާއި ދެކުދިން
ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރާއިލުން ހުށައެޅި ހުށައެޅުންތައް ހަމާސްއިން މުރާޖަޢާ ކުރަމުންދާކަމަށް ހަމާސްއިން ބުނެފިއެވެ.
މިކަމާގުޅިގެން ހަމާސްގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހުރީ ވިދާޅުވެފައިވާ ބަސްތަކަށް ބަަލާއިރު މިހުށައެޅުންތަކަށް ހަމާސްއިން އެއްބަސްވާނެ ކަމަށް ލަފައެެއް ނުކުރެވެއެވެ.
އަބޫ ޒުހުރީ ވިދާޅުވެފައިިވަނީ އިޒްރާއިލްގެ ހުށައެޅުންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށްޓަަކައި ހަމާސްއިން ކޮށްފައިވާ ޑިމާންޑްތަކާއި ބައްދަލުނުވާކަމަށެވެ.
އިޒްރާއިލުން ހަމަލާތައް ހުއްޓާލުމަށް އެކުަލަވާލާ ޞުލްޙައިގެ އެއްބަސްވުން ކަމަށް ބުނެ ފުރަތަމަކަމަކަށް ހުށައަޅައިފައިވަނީ ހަމާސްއިން އެޖަމާޢަތުން ގެންގުޅޭ ހުރިހާ ހަތިޔާރެެއް ނައްތާލުމަށެވެ. މިހުށައެޅުމަކީ އެކަމަށް އެއްބަސްވެވޭނެ ކަމެއްނޫންކަމަށް އަބޫ ޒުހުރީ ވަނީ ވިދާޅުވެފައެވެ.
އިޒްރާއިލާއި ހަމާސް އާއި ދެމެދު ފުރަތަމަ ވާހަކަދެކެވުނީ 3 މަރުޙަލާއަކަށް ބަހާލައިގެން ހަމަލާތައް ހުއްޓާލުމަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައިި 6 ހަފްތާއަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެވުނެވެ. އޭގެ ބަދަލުގައި ހަމާސްއިން ރަހީނުކޮށްފައިތިބި ގިނަ ޢަދަދެއްގެ ރަހީނުން މިނިވަން ކުރިއެވެ.
ނަމަވެސް އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ދިއުމަށް ދެކޮޅުހަދައި އިޒްރާއިލުން ވަނީ ހަމަލާތައް އަލުން ފަށައިފައެވެ. މާރޗް 18 ވަނަ ދުވަހު ފެށި ހަމަލާތައް މިހާތަނަށްވެސް ހުއްޓާލަައިފައިނުވާއިރު އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް 1600އެއްހާ މީހުން ޝަހީދު ކޮށްލައިފައިވެއެވެ.
އޭގެ ފަހުން އެމެރިކާގެ ފުރިހަމަ ތާއީދާއި އެހީތެރިކަމާ އެއްބާރުލުމާއެކު އިޒްރާއިލުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް ދިނުމުގެ އިތުުރުން ބޯޑަރުތައް ބަންދުކޮށް އިންސާނީ އެހީގެ ޓްރަކްތަކަށް ޣައްޒާއަށް ނުވަދެވޭތާ މަހެއްހާދުވަސް ވެއްޖެއެވެ.
ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި މެޑިކަލް ސާމާނު ނުލިބި ސާފު ފެނާއި ކަރަންޓުވެސް ލިބުން މެދުކެނޑިފައިވާތީ ޣައްޒާގެ ރައްޔިތުން ދަނީ އެތައް ތަކުލީފުތަކެއް އުފުލަމުންނެވެ.