ދުނިޔެ
ޝަހީދުންގެ ޢަދަދު މައްޗަށް، ހަމަލާތައް ހުއްޓުމެއްނެތް

ހަމަލާދީ ހަލާކުކޮށްލައިފައިވާ ޣައްޒާގެ ސަރަހައްދެއް
ފަަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލްގެ ޢަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވީ މީހުންގެ ޢަދަދު 50 ހާހުން މައްޗަށް އަރައިގެން ހިނގައްޖެއެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ އަދާހަމަތަކުގައި ބުނެފައިވާގޮތުން 50،983 މީހުން ޝަހީދުވެފައިވާކަން ޔަޤީން ވެއެވެ. މީގެ އިތުރުން ހަމަލާތަކުގެ ސަބަބުން ޒަޚަމްވި މީހުންގެ ޢަދަދު 116،274 އަށް އަރައެެވެ.
ފަލަސްޠީން ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ އެތައްހާސް ބަޔަކު ގެއްލިފައިވާކަމަށާއި އެހެން ކަމުން ޝަހީދުވީ މީހުންގެ ޢަދަދު 60ހާހުން މައްޗަށް އަރައިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޝަހީދުންގެ ޢަދަދު މިހާބޮޑަށް މައްޗަށް އަރައިގެން ގޮސްފައިވާއިރުވެސް އިޒްރާއިލްގެ ހަމަލާތަކަށް ހުއްޓުމެއްނެތެވެ.
އެގޮތުން ރޭ ފަތިހުންސުރެ މިއަދުގެ މިހާތަނަށްވެސް 15 މީހަކު ވަނީ ޝަހީދު ކޮށްލައިފައިވެއެވެ.
ފަލަސްޠީނުގެ ނިއުސް އެޖެންސީ ވަފާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލުން ގަދަކަމުން ހިފައިފައިވާ ދެކުނު އައްސޭރީގައި އިޒްރާއިލްގެ ޢަސްކަރިއްޔާއިން ހަތިޔާރާއި އެކު އޮޕަރޭޝަނެއް ހިންގައި ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހުމުގެ ސަބަބުން ޒަޚަމްތަކާއި އެކު އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ދެކުނު އައްސޭރީގައި އިޒްރާއިލުގެ ޢަސްކަރިއްޔާއިން ހިންގާ މިފަދަ އޮޕަރޭޝަން ތަކުގައި ހަމަލާދީ ގިނަ ބަޔަކު ޒަޚަމް ކޮށް ގިނަ ޢަދަދަކަށް މީހުން ހައްޔަރުވެސް ކުރެއެވެ.
ޣައްޒާގެ އެކި ސަރަޙައްދުތަކަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދަން ވަންނާނެ އެެއްވެސް ތަނެއ ވަނީ މިހާރު ނެތިފައެވެ. އިޒްރާއިލުން ސޭފް ޒޯންގެ ގޮތުގައި އިޢުލާނު ކޮށްފައިވާތަންތަނަށްވެސް އިންޒާރު ދިނުމެއް ނެތި ހަމަލާތައް އަމާޒުކުރުން މިހާރު ވަނީ ޢާންމުވެފައެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަަސްވުމާއި ޚިލާފުވެ މާރޗް 18ވަނަ ދުވަހު އިޒްރާއިލުން ހަމަލާތައް ފެށިފަހުން ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.
އަދި ޣައްޒާގެ ބިމުން ފަލަސްޠީނުގެ ރައްޔިތުން ބާލައި ފައްސާލުމަށް އިޒްރާއިލާއި އެމެރިކާ ގުޅިގެން ކުރާ މަސައްކަތް ވަނީ ފުޅާކޮށްފައެވެ.