ދުނިޔެ
ހަމައެކަނި އަންހެނުން ބައިވެރިވި ޖަައްވީ ދަތުރެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ޖައްވަށް ދިޔަ އަންހެން ބައިވެރިން ފޮޓޯ:އިންޓަނެޓް
ބްލޫ އޮރިޖިންގެ ނިއު ޝެޕާޑް ރޮކެޓުގައި 6 އަންހެނުން ދަތުރުކޮށް، 1963 ގެ ފަހުން ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެނުން ބައިވެރިވި މިފަދަ ދަތުރެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ދަތުރުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ، އެކްޓިވިސްޓް އަމަންޑާ ގުއެން، ނޫސްވެރިޔާ ގޭލް ކިންގް، އިންޖިނިއަރު އައިޝާ ބޯވް، ފިލްމް ޕްރޮޑިއުސަރު ކެރިއާން ފްލިން އަދި ނޫސްވެރިޔާ ލޯރެން ސާންޗެޒް ހިމެނެއެވެ.
މި ދަތުރުގައި ބައިވެރިން ވަނީ ހަމަ އެންމެ ވަގުތުކޮޅަކަށް ޓެކްސާސްގެ މައްޗަށް އުދުހި، އަނބުރާ އެތަނަށް ޖައްސާލާފައެވެ. މި ކުރު ދަތުރުގައި ބައިވެރިންނަށް ވަނީ ބަރުދަންުދަން ނެތް ޙާލަތު ތަޖުރިބާކޮށް، ހަނދު ފެނި އަދި ކޭޓީ ޕެރީގެ "ވޮޓް އަ ވަންޑަފުލް ވޯލްޑް" ލަވަ އަޑުއިވިފައެވެ.
މި ދަތުރު ފެށުނު ވަގުތު އޯޕްރާ ވިންފްރޭ، ކްރިސް ޖެނަރ، ކްލޯއީ ކާޑަޝިއަން، އަންހެން އެސްޓްރޯނޯޓުންނާއި ކޭޓީ ޕެރީގެ ދަރިފުޅު ޑެއިޒީ ވަނީ ރޮކެޓް އުދުހެމުންދާ މަންޒަރު ބަލާފައެވެ.
ދަތުރު ނިމުމަށްފަހު ލޯރެން ސާންޗެޒް ވަނީ "ދުނިޔޭގެ ބިން ފެނުމުން ވަރަށް ހިތްހަމަޖެހިއްޖެ" ކަމަށް ބުނެފައެވެ. އަދި ކެރިއާން ފްލިން ވަނީ މިއީ "އޭނާގެ ދިރިއުޅުމުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާ" ކަމަށް ބުނެފައެވެ.
ނަމަވެސް، މިފަދަ ދަތުރުތަކުގެ އަގުބޮޑުކަމާއިއެކު މުސްތަޤްބަލުގައި މިފަދަ ދަތުރުތައް މަތިންދާބޯޓުގެ ދަތުރުތަކެކޭ އެއްފަދައިން އާންމުވެދާނެތޯ ސުވާލު އުފެދިފައިވެއެވެ. މިކަމާ ގުޅޭގޮތުން ބްލޫ އޮރިޖިންގެ ބާނީ ޖެފް ބެޒޯސްގެ ފިޔަންސީ ސާންޗެޒް ވަނީ މި ކުންފުނިން "ޖައްވަށް ދެވޭނެ މަގު ތަނަވަސްކުރަމުންދާ" ކަމަށް ބުނެފައެވެ.