ދުނިޔެ
އިޒްރާއިލުން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ހަަމަލާދީފި

އަލް އަހްލީ އަށް ހަމަލާދިނުމުން އެތަން ހަލާކުވެފައި
އިޒްރާއިލުން ޣައްޒާގައި ހުރި ހަމައެކަނި ޚިދުމަތްލިބެމުންދިޔަ އަލް އަހްލީ ޢަރަބް ހޮސްޕިޓަލަށް ހަމަލާދީފިއެވެ.
އިޒްރާއީލުގެ ސިފައިން ޣައްޒާގެ އަލް އަހްލީ ޢަރަބް ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާގައި އެ ހޮސްޕިޓަލުގެ އިމަޖެންސީ ޔުނިޓާއި މައި އެންޓްރެންސާއި މެޑިކަލް އޮކްސިޖަން ސަޕްލައިތައް ހަލާކުކޮށްލާފައިވެއެވެ.
އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލަށް ހަމަލާދިނުމުން ރައްކާތެރިކުރުމަށް ހޮސްޕިޓަލުން ނެރުނު ސީރިއަސް ބަލިމީހުން މަގުމައްޗަށްވަނީ ދޫވެފައެވެ. ހަމަލާގެ ސަބަބުން އަވަސްއަރުވާލައިގެން މީހުންތައް ބޭރަށް ނެރުމުގެ ސަބަބުން އޮކްސިޖަންގައި ތިބި ތިން ބަލިމީހަކު، ކުޑަ ކުއްޖެއް ހިމެނޭހެން އެކޮސިޖަން ނުލިބުމުގެ ސަބަބުން ވަނީ ޝަހީދުވެފައެވެ.
ރޮއިޓާސް ނޫސް އެޖެންސީއަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފުން އެ އިމާރާތުން ބަލިމީހުން ނެރެން ފެށީ ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން އިޒްރާއިލްގެ ސެކިއުރިޓީއާ ގުޅޭ މީހަކު ގުޅައި ހަމަލާގެ އިންޒާރުދިނުމުން ކަމަށެވެ.
ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ބޮމުގެ ހަމަލާ ކުށްވެރިކޮށްފައެވެެ. އަލް އަހުލީ ހޮސްޕިޓަލަށް ދެ މިސައިލަކުން ހަމަލާދީފައިވާއިރު އެ ހޮސްޕިޓަލުގައި އެ ވަގުތުވެސް އެތައް ސަތޭކަ މީހަކަށް ދިޔައީ ފަރުވާދެމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރާއީލުން އެ ހޮސްޕިޓަލަށް ވަރުގަދަ ހަމަލާއެެއް ދީފައިވެއެވެ. މި ހަމަލާގައި 500 އެއްހާ މީހުން ޝަހީދުވެގެން ގޮސްފައިވެއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރާއީލުން ހަނގުރާމަ ފެށި ފަހުން 36 ހޮސްޕިޓަލަކަށް ހަމަލާދީފައިވެއެވެ.