ދުނިޔެ
ޣައްޒާއާއި ރަފާޙް ވަކިކޮށް، ޣައްޒާގެ އެހެން ސަރަޙައްދުތަކުންވެސް ފަލަސްޠީނުގެ ރައްޔިތުން ފައްސާފަހަތައް ޖައްސަނީ

ޣައްޒާގެ އެއްސަރަހައްދު ދޫކޮށް އެހެން ސަރަހައްދަކަށް ދަތުރުކުރާ ކުދިންތަކެއް
ޣައްޒާގެ ސިޓީ އެއްކަމަށްވާ ރަފާޙް ޣައްޒާއާއި ވަކިކޮށް ޣައްޒާގެ އެހެން ސަރަހައްދުތަކުންވެސް ފަލަސްޠީނުގެ ރައްޔިތުން ފައްސާ ފަހަތައް ޖެއްސުމުގެ މަސައްކަތް އިޒްރާއިލުން ފަށައިފިއެެވެ.
ޣައްޒާއިން ރަފާޙް ސިޓީ ވަކިކުރުމަށް އިޒްރާއިލްގެ ސިފައިންދަނީ މޯރެގް ކޮރިޑޯގެ ނަމުގައި ފާރެއް ބިނާކުރަމުންނެވެ. އިޒްރާއިލް ސިފައިންގެ ޢަރަބި ބަހުގެ ތަރުޖަމާނު ހޮނިހިރު ދުވަހު ވަނީ ޚާން ޔޫނިސްގެ ބައެއް އަވަށްތަކުގެ ގޭގެއިން މަޖުބޫރުކޮށް ބިރުދައްކައިގެން މީހުން ނެރުމަށް މަސައްކަތްކޮށްފައެވެ. އެގޭގޭގެ މީހުންނަށް އެނާވަނީ އެސަރަޙައްދު ދޫކޮށް ދިޔުމަށް އަންގައިފައެވެ. އަދި ގެދޮރު ދޫކޮށް ނުނިކުންނަނަމަ އެސަރަޙައްދަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދޭނެ ކަމަށްވަނީ ބުނެފައެވެ.
އެގޮތުން ޤިޒާ އަން ނަޖާރާއި، ޤިޒާ އަން އަބޫ ރަޝްވާން، އަލް ސަލާމް، އަލްމަނާރާ، އަލްޤުރައިން، މާއީން، އަލްބަތުން އަލް ސަމީން، ޖުރްތް އަ ލޫޫޠް، އަލްފަޚާރީ އަދި ބަނީ ސުހެއިލާގެ ދެކުނު އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ގެދޮރު ދޫކޮށް ޣައްޒާގެ ކަނޑުގެ އައްސޭރީގައި އޮންނަ އަލް މަވާސީއަށް ދިއުމަށް އަމުރުކޮށްފައިވެއެވެ.
މިކަން އިއުލާންކޮށްފައިމިވަނީ ޚާން ޔޫނިސްއަށް ޑްރޯން އާއި ބޮމުގެ ހަމަލާދީ މަދުވެގެން ދެ މީހަކު ޝަހީދުވެފައިވާ ދަނޑިވަޅެއްގައެވެ.
އިޒްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ މޮރަގް ކޯރިޑޯގެ ސަބަބުން ރަފާޙް "އިޒްރާއީލުގެ ސަލާމަތީ ސަރަހައްދަކަށް" ބަދަލުވެފައިވާ ކަމަށާއި ޣައްޒާ ދެ ބަޔަކަށް ބަހާލާ ނެޓްޒާރިމް ކޯރިޑޯ ވެސް ފުޅާކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އަމިއްލައަށް ބޭނުންވެގެން ޣައްޒާއިން ބޭރަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތުދޭނެ ކަމަށެވެ. އަދި ޣައްޒާއިން ފަލަސްޠީނުގެ މުސްލިމުން ނެރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެ ރަވައިފަައިވާ ޕްލޭނާއި އެއްގޮތައް އެކަން ކުރާނެ ކަމަށެވެ.
ކަޓްޒް ބުނެފައިވަނީ ޣައްޒާގެ ވަށާލެވިފައިވާ އާބާދީއަށް ހަމާސް އާއި ދެކޮޅުހަދައި ނުވަތަ ހަމާސް ދޫކޮށްލުމަށާއި ހުރިހާ ރަހީނުން ދޫކޮށްލުމުގެ އެންމެ ފަހު ފުރުސަތު ދޭކަމަށެވެ. އަދި މިއީ ހަނގުރާމަ ހުއްޓާލުމަށް ދެވޭނެ އެންމެ ފަހުގެ ހުށައެޅުން ކަަމަށާއި އެގޮތައް ޢަމަލުނުކޮށްފިނަމަ އިޒްރާއިލްގެ ޢަސްކަރީ އޮޕަރޭޝަންތައް ފުޅާކޮށް ޣައްޒާގެ އިތުރު ސަރަޙައްދުތަކަށް ފެތުރިގެން ދާނެ ކަމަށެވެ.