Ads by Aqeeqa Maldives

ޚަބަރު

މުޝްފިގުގެ މަރު ސާބިތުކޮށް އަންނަ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

މުޝްފިގުގެ މަރު ސާބިތުކޮށް އަންނަ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

އަލީ މުޝްފިގު ޝަރީފު/ފޮޓޯ: އިންޓަރނެޓް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޭޕްރީލު 2025، 04:14

11 އޭޕްރީލު 2025، 04:14

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު ޝަރީފުގެ މަރު ސާބިތުކޮށް، އަންނަ ހުކުރު ދުވަހު ކަށު ނަމާދު ކުރުމަށް މަސައްކަތްކުރަމުންދާކަަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މުޝްފިގުގެ އުފަން ރަށް ކަމަށްވާ ލ. މާވަށު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު މުޝްފިގުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނެ ކަމަށެވެ. ނަމަވެސް، ރޭގެ ވަގުތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަނޑަށް ގެއްލޭ ފަރާތްތަކުގެ މަރާ މެދު ގޮތް ނިންމާނީ ކޯޓުން ގާޟީ ކަމަށެވެ. އެހެންކަމުން، މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ޙާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތަށް ޢަމަލުކުރުމަށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ހަމަ އެހެންމެ، މަރު ސާބިތުކުރުމަށްފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރު ދުވަހަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރަމުން ދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހޮޅުދޫ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވުމަށް ބޯޓުން ކަނޑަށް ފުންމައިލި މުޝްފިގު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވެއެވެ. މުޝްފިގުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ. 

އުމުރުން 25 އަހަރުގެ މުޝްފިގަކީ ދީނީ ކަން ކަމަށް ވަރަށް ލޯބި ކުރާ ޒުވާނެކެވެ. އޭނާއަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ، އިމާމުވެ ނަމާދުކޮށް ހަދާ ޒުވާނެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS