ޚަބަރު
ޒަކިއްޔާގެ ޤަބުރުކޮނެގެން ހަށިގަނޑު ނަގައި އޮޓޯޕްސީ ހެދުމަށް އާއިލާގެ ފަރާތުން އެދިއްޖެ

ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ރަށުގައި ބޭއްވި އިހުތިޖާޖު ފޮޓޯ:އިންޓަނެޓް
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އަލުން ބެލުމަށް އެދި އޭނާގެ އާއިލާގެ ބަޔަކު ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފަށް ސިޓީއެއް ފޮނުވައިފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ހެނދުނު 10:00 ހާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނެ މީޑިއާގައި ޚަބަރު ފެތުރިފައިވާތީ، އެ ރިޕޯޓު އަލުން ބެލުމަށް އާއިލާއިން އެދިފައިވެއެވެ.
އާއިލާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ އިންސާނަކަށް އަމިއްލައަށް ކަރުގައި ތިން ފަހަރު ވަޅި އަޅައި މަރުވެދާނެ ކަމަށް ދެކުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. އަދި މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް އޮޓޮޕްސީ ރިޕޯޓު އަލުން ބެލުމަށް އެދިފައިވެއެވެ.
ސިޓީގައި އާއިލާއިން އެދިފައިވާ ކަންކަން :
- ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓު ހިއްސާކުރުމަށް
- އޮޓޮޕްސީ ހެދި ތާރީޚު ސާފުކުރުމަށް
- ރާއްޖެއިން ބޭރުގެ ޑޮކްޓަރުންގެ ލަފާ ހޯދާފައިވާނަމަ އެ މަޢުލޫމާތު ހާމަކުރުމަށް
- އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް
އާއިލާއިން ބުނެފައިވަނީ ފުލުހުން މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުން، ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތަށް ފުށުއަރާ ކަމެއް ކަމަށެވެ. އެހެންކަމުން، މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.