ޚަބަރު
ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް ސަރުކާރުން މަސައްކަތްކުރަނީ

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ބިނާކުރާ ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ސިއްޙީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލުގެ އިންޖިނިއަރިންގ، ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ވަޒީރު ވިދާޅުވީ އެއްބަސްވުމުގެދަށުން، ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްތައް ނިމި، ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދޭ. ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މާލަސްނުވެ މިއަހަރު ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން މިދަނީ
ސިއްޙީ ވަޒީރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ. މީގެ އިތުރުން، ތެލަސީމިއާ ސެންޓަރު ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށާއި، އަންނަމަހުގެ ތެރޭގައި އެތަނުގައި ޚިދުމަތް ފެށުމަކީ ސަރުކާރުގެ ޢަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާހޯދާ 650އެއްހާ މީހުން ތިބިއިރު، ތެލަސީމިއާ ފަރުވާ ފުޅާކުރުމަށް އިތުރު ޓެސްޓުތައް ރާއްޖެއިން ހެދޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ކޮންމެ އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު ދިނުމަށްވެސް ސަރުކާރުން ނިންމާ، އެކަންކަމަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.