ދުނިޔެ

ކޮންމެހެން ބޭނުންވާ ބޭސް ލިސްޓުގެ 37 ޕަސެންޓް ބޭސް ޣައްޒާއިން މުޅިން ހުސްވެފައި

ކޮންމެހެން ބޭނުންވާ ބޭސް ލިސްޓުގެ 37 ޕަސެންޓް ބޭސް ޣައްޒާއިން މުޅިން ހުސްވެފައި

ޣައްޒާގެ ހޮސްޕިޓަލެއްގެ ބިންމަތީގައި ޒަޚަމްވި މީހަކސަށް ފަރުވާދެނ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2025، 06:41

10 އޭޕްރީލު 2025، 06:41

ކޮންމެހެން ބޭނުންވާ ބޭސް ލިސްޓުގެ 37 ޕަސެންޓް ބޭސް ޣައްޒާއިން ހުސްވެފައިވާ ކަަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. 

އެވުޒާރާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރުތަކުގައި ޒަރޫރީ ބޭހުގެ ސްޓޮކް މީގެކުރިން ދަށްނުވާ މިންވަރަށް ދަށްވެފައިވާ ކަމަށެވެ. އަދި މިއީ ނުރައްކާތެރި ކަމެއް ކަަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުން ކޮންމެހެެން ބޭނުންވާ ބޭހުގެ ބާވަތްތަކުގެ ލިސްޓުގެ 37 އިންސައްތަ ބޭއް ޣައްޒާއިން ވަނީ މުޅިން ހުސްވެފައެވެ.

ހަމަ މިއާއިއެކު މެޑިކަލް ސަޕްލައިތަކުގެ 59 އިންސައްތަވެސް މުޅިން ހުސްވެފައިވާކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. މީގެއިތުރުން ކެންސަރާއި ލޭގެ ބަލިތަކަށް ބޭނުންކުރާ ބޭހުގެ 54 އިންސައްތަ މުޅިން ހުސްވެފައިވާއިރު، ސާޖަރީ، އިންޓެންސިވް ކެއާ އަދި އެމަޖެންސީ ޑިޕާޓްމަންޓްތައް ހިންގަމުންދަނީ ފުރާނަ ސަލާމަތްކުރަން ކޮންމެހެން ބޭނުންވާ ބޭސްތަކާއި ނުލައި ކަމަށް އެވުޒާރާއިން ބުނެއެވެ.

މިއާއިއެކު ހަކުރުބަލީގެ 80،000 މީހުންނާއި 110،000 ލޭގެ ޕްރެޝަރ މައްޗަށްދާ މީހުން މިވަގުތު އުޅެންޖެހިފައިވަނީ ބޭސްނެތި އަދި އެއްވެސް މެޑިކަލް އެހީތެރިކަމެއް ނެތިއެވެ. މީގެއިތުރުން އިތުރަށް ބޭހާއި މެޑިކަލް ސާމާނު ވެއްދޭނެ ގޮތެއް ނެތުމުން ބަލިމީހުންނާއި ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާނުދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިޒްރާއީލުން ޣައްޒާއަށް މެޑިކަލް ސާމާނާއި އެހެނިހެން ޒަރޫރީ ސާމާނު ވެއްދުމަށް ހުޅުވާލައިފައި ހުންނަ ދޮރޯށި ބަންދުކުރިތާ މަހެއްވެފައިވާއިރު ބޭހާއި އެހެނިހެން ޒަރޫރީ ސާމާނު ޣައްޒާއިން ދަނީ ހުސްވަމުންނެވެ. ފެނާއި ކަރަންޓު ކަނޑާލައިފައިވުމުން ދިމާވަމުންދާ މައްސަލަތަކާއި އުނދަގޫތައްވެސް އަންނަނީ ބޮޑުވަމުންނެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS